28 May 2017, 13:09
ރާއްޖޭގެ ރަށެއްގައި 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވުމުން އެއީ ކޮން ރަށެއްތޯ އަދި އެއީ ކިހިނެއްލިބުނު މައުލޫމާތެއްތޯ ބެލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން މިއަދު ސަން އަށް ވިދާޅުވީ ޝެއިހް ޒައިދުއާ ގުޅައިގެން އެއީ ކިހިނެއް ހޯދި މައުލޫމާތެއްތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދިވެސް ޝެއިހާ އަދި ގުޅޭ ގޮތް ނުވާ ކަމަށެވެ.
ސަންއިން ޝެއިހް ޒައިދު އާ ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ ތަފްސީލެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ވިޔަފާރިވެރިންގެ މިސްކިތުގައި އިއްޔެގެ އަސްރު ނަމާދަށް ފަހު ދަރުސް ދެއްވަމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ ދެކުނަށް ކުރެއްވި ދަތުރެއްގައި އެ ރަށަށް ދިއުމުން އެރަށުގެ މީހުންގެ ތެރެއިން 70 ޕަސެންޓް ރައްޔިތުން ރޯދަ ނުހިފާކަމާއި އާންމު މަހެއް ފަދައިން ކައްކާ ކައިބޮއިހަދާކަން އެނގުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންނެ ދިޔަ ކަމަށެވެ.
ޝައިހް ޒައިދު އެހެން ވިދާޅުވުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. ގިނަ އަދަދެއްގެ ފަރާތްތަކުން ބުނަމުން އަންނަނީ އެއީ ގަބޫލް ކުރެވޭ ކަމެއް ނޫން ކަމަށެވެ.