ބ. އޭދަފުށީ ޖަންބުމާގޭ އުމުރުން އެންމެ 11 އަހަރުގެ އަލްހާފިޒް މުހައްމަދު މުސްތަފާގެ ހުނަރުން މުޅި ގައުމު ހައިރާންކޮށްލައިފި އެވެ. އޭނާގެ މަންމަގެ ގައުމުކަމަށްވާ އިންޑިއާ އިން ގުރުއާން ހިތުދަސް ކުރުމަށް ފަހު މިރޯދަމަހަށް ރާއްޖެ އައިސް އޭދަފުށީގައި ތަރާވީހް ނަމާދު ކުރަމުންދާ މުސްތަފާގެ ކިޔެވުމުގެ ހުނަރުފެނި އެތައް ބަޔަކު މިވަނީ އެޖާދޫގައި ޖައްސައިފަ އެވެ.

"ވަރަށް ރީތި ކިޔެވުން، ތަރާވީސް ކުރަން ބޭރުން މިގެންނަ އިމާމުންނަށް ވުރެ މާރަނގަޅު މުސްތަފާގެ ކިޔެވުން، ވަރަށް ރަނގަޅު، ރަށުގައި ވެސް ވަރަށް ސަޕޯޓް ލިބޭ،" އޭދަފުށީ ކައުންސިލް ނައިބް ރައީސް މުހައްމަދު ނައުރީފް ބުންޏެވެ.

އޭދަފުށީ ނޫހެއްކަމަށްވާ އޭދަފުށީ ޓައިމްސްއިން ފޭސްބުކް މެދުވެރިކޮށް މުސްތަފާގެ ތަރާވީހް ނަމާދު ލައިވް ކޮށްފައިވާ އިރު ގިނަ ބަޔަކު ވަނީ އެނަމާދު ބަލައި އެކަމަށް ތައުރީފްކޮށްފަ އެވެ. އެގޮތުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ މުސްތަފާގެ ކިޔެވުން ވަރަށް ފުރިހަމަ ކަމަށާއި އެއީ މިގައުމަށް ލިބިގެން ދިޔަ ބޮޑު ޝަރަފެއް ކަމަށެވެ.

ކުޑައިރުގެ އުންމީދެއް، 11 އަހަރުގައި ހަގީގަތަކަށް

އެތައް ހާސް ބަޔެއްގެ ލޯބި ހޯދާފައިވާ މުސްތަފާ މިއަދު ސަން އަށް ވިދާޅުވި ގޮތުގައި އޭނާ އެންމެ ކުޑައިރު ވެސް އުންމީދަކީ ކީރިތި ގުރުއާން ހިތުދަސް ކުރުމެވެ. އޭދަފުށީގައި ދިރިއުޅުނު އިރު މުސްތަފާގެ މުދައްރިސުންނަކީ އެ ރަށު ޒަމްއަތު އަހުމަދާއި އައްޝައިހް އަބްދުލް މަޖީދު މުހައްމަދެވެ.

ގުރުއާން ހިތުދަސް ކުރުމުގެ ޝައުގުވެރިކަމުގެ ބޮޑުކަމުން 2015 ވަނަ އަހަރު މުސްތަފާގެ މަންމަ ވަނީ އޭނާ ގޮވައިގެން އިންޑިއާގެ ޓުރެވަންޑުރަމްއަށް ބަދަލުވެފަ އެވެ. މުސްތަފާ ހާފިޒްކަމުގެ ސަނަދު ހޯދީ ދާރުލްސަލާމް ހިފާޖުލް ހުރުއާން ކޮލެޖުން ކިޔަވައިގެންނެވެ.

"ގުރުއާން ހިތުދަސް ކުރުން ވަރަށް ފައްކާ، ވަރަށް ހިތްހަމަ ޖެހޭ،. ހަމަ ކޮލެޖުގައި ކިޔަވައިގެން ހިތުދަސް ކުރީ،" މުސްތަފާގެ ވިދާޅުވި އެވެ.

އަދިވެސް އޭނާގެ އުންމީދުތައް ގުޅިފައި ވަނީ ގުރުއާނުގެ ރޮނގުން ކުރިއަށް ދިއުމަށެވެ. އެގޮތުން ކީރިތި ގުރުއާނުގެ މާނަތައް ދަސްކުރުމުގެ ފަސް އަހަރުގެ ކޯހެއް ރޯދައަށް ފަހު ފެށުމަށް މުސްތަފާ ވަނީ ނިންމާފަ އެވެ. އަދި އޭނާގެ މައިންބަފައިން ތިބީ އެކަމަށް އެއްބާރުލުން ދޭން ތައްޔާރަށެވެ.

މުސްތަފާ އޭނާގެ މަންމަ އާއި ބައްޕައާ އެކު-- ފޮޓޯ: އޭދަފުށީ ޓައިމްސް

"ގުރުއާނުގެ މާނަތައް ދަސްކުރާ ކޯސް ދެން ހަދާނީ، އެއީ އާލިމް ކޯސް،" މުސްތަފާ ވިދާޅުވި އެވެ.

އޭނާގެ އުންމީދަކީ ގުރުއާން ޓީޗަރަކަށް ވުމެވެ. އަދި އެފަދަ އެތައް މުސްތަފާއެއް އުފެއްދުމެވެ. ނަމަވެސް ރާއްޖޭގައި އުޅުމުގެ ވިސްނުމެއް އޭނާގެ އަދި ނެތެވެ.

"އިންޑިއާގައި އުޅެން ބޭނުން ވަނީ، އެތަނުގައި ދީނީ ފުރުސަތުތައް މާރަނގަޅު، އެހެންވެ އިންޑިއާގައި އުޅެންބޭނުން ވަނީ،" މުސްތަފާ ވިދާޅުވި އެވެ.

ކޮންމެ އަކަސް ދިވެހި ރަޖިސްޓްރީގައި އޮތް އަދި ދިވެހި ބައްޕައަކަށް ނިސްބަތްވާ މުސްތަފާއަކީ ދިވެހިން ފަހުރުވެރިކޮށްދީފައި ދިވެހި ދަރިއެކެވެ. އޭނާ މިހާރު ވެސް އެދަނީ އޭނާގެ އުފަން ރަށުގައި ތަރާވީހް ނަމާދުކޮށް ހަތިމް ކުރަމުންނެވެ. ދެން އޭނާގެ އުންމީދަކީ ގުރުއާނުގެ މާނަ ދަސް ކުރުމެވެ.