28 May 2017, 11:14
ގުދުސް (މެއި 27): އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ 1،000ށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ކުރިއަށް ގެންދިޔަ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ނިންމާލައިފި އެވެ.
އިސްރާއީލުގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ހަޅުތާލު 40 ދުވަސް ފަހުން ނިންމާލީ ގައިދީންގެ އާއިލާގެ މެމްބަރުންނަށް މަހަކު ދެ ފަހަރު ޖަލަށް ޒިޔާރަތް ކުރެވޭ ގޮތަށް އެއްބަސްވުމެއް ހެދުމުން ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވިއެވެ.
މީގެ ކުރިން އޮންނަ ގަވާއިދުތަކުގެ ދަށުން ގައިދީންނަށް އާއިލާގެ މެމްބަރުންނާ ބައްދަލު ކުރެވޭނީ މަހަކު އެއް ފަހަރެވެ.
އެ ހަޅުތާލުގައި އިސްކޮށް އުޅުއްވީ ފަސް މީހަކު މެރި ކަމަށް ބުނެ އިސްރާއީލުން ޖަލަށްލާފައިވާ ފަލަސްތީނުގެ ފަތަހު ޕާޓީގެ ލީޑަރު މަރުވާން ބާގޫތީ އެވެ. އޭނާއަކީ ފަލަސްތީނުގެ މިހާރުގެ ރައީސް މަހުމޫދު އައްބާސަށް ފަހު ވެރިކަމަށް ވަޑައިގަންނަވާނެ ފަރާތް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.
ފަލަސްތީނުގެ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އިސްރާއީލުން ހައްޔަރު ކުރާ އެ ގައުމުގެ ގިނަ ރައްޔިތުންނަކީ ސިޔާސީ ހައްޔަރީންނެވެ. އަދި އޭގެ ތެރެއިން ގިނަ މީހުން ހައްޔަރުކޮށްފައިި ވަނީ އިސްރާއީލުން ގެންގުޅޭ 'އެޑްމިނިސްޓްރޭޝަން ޑިޓެންޝަން' ސިޔާސަތުގެ ދަށުންނެވެ. އެ ސިޔާސަތުގެ ދަށުން އެއްވެސް ދައުވާއަކާ ނުލައި ހަ މަސް ވަންދެން މީހުން ހައްޔަރުކޮށްފައި ބޭތިއްބޭނެ އެވެ.
ފަލަސްތީން ޕްރިޒަނާސް ގުރޫޕުން ބުނާ ގޮތުގައި މިދޔަ އަހަރު ނިމުނު އިރު އިސްރާއީލުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 7،000 އަށް އަރަ އެވެ. (ބީބީސީ)