13 Jul 2011, 08:48
ނިޔުޔޯކް : ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އެމެރިކާއާއި ފަރަންސޭސިވިލާތުގެ އެންބަސީތަކަށް، މުޒާހަރާކުރި ބަޔަކު ދިން ޙަމަލާތައް އދ. ގެ ސަލާމަތީ މަޖލީހުން ކުށްވެރިކޮށްފިއެވެ. މިކަމާބެހޭ ގޮތުން ސަލާމަތީ މަޖިލީހުންނެރުނު ބަޔާނުގައި ޑިޕްލޮމެޓިކް މިޝަންތަކާއި ބޭރުޤައުމުތަކުގެ އެންބަސީތައް ޙިމާޔަތް ކުރުމަށް ސޫރިޔާ ސަރުކާރަށް ގޮވާލާފައިވެއެވެ. ދިމިޝްޤުގައި އިއްޔެ މުޒާހަރާކުރި ބަޔަކުވަނީ އެމެރިކާއާއި ފަރަންސޭސިވިލާތުގެ އެންބަސީތަކުގެ ގޯތިތެރެއަށް ވަދެގަނެ އެދެތަނަށް ބައެއް ޙަމަލާތައްދީފައެވެ. ނަމަވެސް މުވައްޒަފަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.
މިޙަމަލާތައް ދީފައިވަނީ ސޫރިޔާގެ ސަރުކާރާ ދެކޮޅަށް ތެދުވަމުންދާ އެޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ސޫރިޔާ ސަރުކާރުން ބާރުގެ ބޭނުންކޮށް މީހުން މަރަމުން ގެންދާތާ ދެމަހަށްވުރެ ގިނަދުވަސް ވެފައިވާއިރުވެސް ސޫރިޔާ ކުށްވެރިކޮށް ޤަރާރެއް ފާސްކުރުމުގައިވެސް އދ. ގެ ސަލާމަތީ މަޖިލިސް ނުކުޅެދިފައިވާ ކަމަށް ފަރަންސޭސިވިލާތުން ބުނެފައިވަނިކޮށެވެ. ފަރަންސޭސި ބޮޑުވަޒީރު ފްރާންސްވާ ފިޔޮން ވިދާޅުވީ ސޫރިޔާ ކުށްވެރިކުރުމަށް ދެކޮޅު ހަދާ ދެޤައުމަކީ ޗައިނާއާއި ރަޝިޔާ ކަމަށާ މިއީ ޤަބޫުލުކުރެވޭނެ ކަމެއްނޫންކަމަށް އިއްޔެ ވިދާޅުވެފައިވެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރާ ހިލަރީ ކްލިންޓަންވަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބައްޝާރުގެ ވެރިކަމުގެ ޝަރްޢިއްޔަތު ގެއްލިފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. ހިލަރީ ވިދާޅުވީ އަސަދްގެ ސަރުކާރުން ސޫރިޔާގެ އެތަށް ސަތޭކަ ބަޔަކު މަރާލާފައިވާތީ ބައްޝާރަކީ ސޫރިޔާގެ ރައްޔިތުން ތަމްޘީލް ކުރުމުގެ ޝަރްޢިއްޔަތު ގެއްލިފައިވާ ރައީސެއް ކަމުގައެވެ.
ނަމަވެސް ސޫރިޔާއާ ދެކޮޅަށް ތެދުވުމަށް އެމެރިކާ ފަސްޖެހެނީ ސޫރިޔާގެ މިހާރުގެ ސަރުކާރު ވެއްޓިއްޖެނަމަ ދެންއަންނަ ސަރުކާރަކުން އިސްރާއީލާމެދު ގެންގުޅޭނެ ސިޔާސަތެއް ނޭންގޭތީ އިސްރާއީލުގެ ޙިމާޔަތުގައި ކަމަށް މުޙައްލިލުން ދެކެވަޑައިގަންނަވައެވެ. ސޫރިޔާއިންވަނީ ސޫރިޔާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް އެމެރިކާ ސަރުކާރަށް އިންޒާރު ކޮށްފައެވެ. (އަލްޖަޒީރާ+ރޮއިޓާސް)