28 May 2017, 00:47
ޗެލްސީ ބަލިކޮށް، އާސެނަލުން 13 ވަނަ ފަހަރަށް އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު އެފްއޭ ކަޕްގެ ފައިނަލް މެޗުގައި ޗެލްސީގެ މައްޗަށް އާސެނަލް ކުރި ހޯދާފައިވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

އެފްއޭ ކަޕްގެ ތަށި އާސެނަލްގެ ކޯޗު އާސެން ވެންގާ އުފުލައިލަނީ: އާސެނަލުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 2-1 ލަނޑުގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށްގެން --- ފޮޓޯ/ އޭޕީ
މިރޭގެ މެޗުގެ ހަތަރުވަނަ މިނެޓުގައި އާސެނަލް ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ތިބައުޓް ކޯޓުވާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޗިލީ ފޯވަޑް އެލެކްސިސް ސަންޗޭޒެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރި ޗެލްސީގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުސްކޮށް ހުރެ، ފޮނުވާލި ހަމަލާއަކުންނެވެ.
އެ ލަނޑަށްފަހު ވެސް އާސެނަލުން ރަނގަޅު ކުޅުމެއް ދައްކައި، ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން އާސެނަލްގެ ޑެނީ ވެލްބެކްއާއި ސަންޗޭޒަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ވެލްބެކްގެ ހަމަލާއެއް ޗެލްސީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، ސަންޗޭޒްގެ ހަމަލާއެއް ގޯލަށް ވަނުމުގެ ކުރިން ޗެލްސީގެ ޑިފެންޑަރު ގޭރީ ކޭހިލް ވަނީ ދިފާއުކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޗެލްސީއަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭއާއި ވިކްޓާ މޮސެސްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ކަންޓޭ އަދި މޮސެސްގެ ހަމަލާ ވެސް އާސެނަލްގެ ކީޕަރު ޑޭވިޑް އޮސްޕީނާ ވަނީ މަތަކޮށްފައެވެ.
މެޗުގެ 68 ވަނަ މިނެޓުގައި ޗެލްސީއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ ދެވަނަ ރީނދޫ ކާޑަކާއެކު ވިކްޓަ މޮސެސްއަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އޭނާއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ އާސެނަލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ޑައިވް ކުރުމުންނެވެ.

އެފްއޭ ކަޕްގެ ފައިނަލުގައި އާސެނަލާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އާސެނަލް މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
މެޗުގެ 76 ވަނަ މިނެޓުގައި އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ޗެލްސީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު ވިލިއަން ދިން ރީތި ބޯޅައަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑިއޭގޯ ކޮސްޓާއެވެ.
ޗެލްސީން ނަތީޖާ ހަމަހަމަކުރިތާ ތިން މިނެޓްފަހުން އާސެނަލުން ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. އޮލިވިއާ ޖިރޫ ދިން ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ވޭލްސް މިޑްފީލްޑަރު އާރޮން ރަމްސީއެވެ. އެ ލަނޑަށްފަހު ވެސް އާސެނަލުން ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ.
އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ކްލަބަކީ ވެސް އާސެނަލެވެ. އާސެނަލުން 13 ފަހަރު އެފްއޭ ކަޕް ކާމިޔާބުކުރިއިރު، މެންޗެސްޓާ ޔުނައިޓެޑުން ވަނީ 12 ފަހަރަކު އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ. އާސެނަލުން އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި ނަމަވެސް، 20 އަހަރުތެރޭ ފުރަތަމަ ފަހަރަށް އާސެނަލަށް ވަނީ ޗެމްޕިއަން ލީގުން ފުރުސަތު ގެއްލިފައެވެ.