28 May 2017, 00:10
ފިޝަރީޒް މިނިސްޓްރީގެ ދަށުގައި ހުރި ރަށްރަށުން ގެންނަ ކާށި އެންމެ ބޮޑުވެގެން ވިއްކޭނީ ހަތް ރުފިޔާއަށް ކަމަށާއި އަދި ކުރުނބަލެއް އެންމެ ބޮޑު އަގެއްގައި ވިއްކޭނީ 12 ރުފިޔާއަށް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ކާށީގެ އަގު އިއްޔެ ބޮޑު ވެގެން ދިޔަ ނަމަވެސް މިހާރު ބާޒާރުގައި ކާޓެއްގެ އަގު އުޅެނީ 10 ރުފިޔާ އާއި 30 ރުފިޔާއާ ދެމެދުގެ އަދަދެއްގަ އެވެ.
ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ 'ސަން' އަށް ވިދާޅުވީ ފިޝަރީޒް މިނިސްޓްރީގެ ދަށުން އޮންނަ ށ މަޑިދޫއިން ވޭތުވެދިޔަ ތިން ހަފްތާގެ ތެރޭގައި 3000 ކާށި މާލެއަށް ގެނެސްފައިވާ ކަމަށެވެ. އަދި ކާށީގެ އާ ޝީޕްމެންޓެއް މާދަމާ މާލެ އަންނާނެ ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
"އަޅުގަނޑު ވަރަށް ޔަގީންކަން ދެން ދިވެހި ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ރަމަޟާން މަސް ނިމެންދެން ކާށީގެ އަގު ހެޔޮކޮށް ކާއްޓަށް ދަތި ނުވެ ކާށި ލިބޭނެ ކަމުގެ،" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.
ކާށީގެ އަގު 25 ރުފިޔާއަށް އުފުލުނީ އެންމެ ދުވަހަކަށް ކަމަށާއި އޭގެ ފަހުން ކާށީގެ އަގު ހެޔޮ ކަމަށް ޝައިނީ ވިދާޅުވި އެވެ. ނަމަވެސް ކާށީގެ އަގު ބޮޑުވި ދަނޑިވަޅާ ދިމާކޮށް ބައެއް ފަރާތްތަކުން ދިވެހިންނަށް ގެއްލުން ލިބޭ ގޮތަށް އެ ވާހަކަ ދައްކަމުން ދާ ކަމަށް ޝައިނީ ވިދާޅުވި އެވެ.
"އެބަ ވިދާޅުވޭ ބޭރުން ކާއްޓާ މިހާރު އަގުހެޔޮކޮށް އިމްޕޯޓްކުރަން ހުއްދަދޭން ވެއްޖޭ. އެކަމަކު އަޅުގަނޑު ބުނާނީ އެއީ ދިވެހިންނަށް ހުރި ބޮޑު ގެއްލުމަކަށޭ ވާނީ. ދިވެހި އުފެއްދުންތަކުގެ ބޭނުން ކެނޑެނީ އޭ އެ،" ޝައިނީ ވިދާޅުވި އެވެ.
ބާޒާރުގައި އަގު މައްޗަށް އަރައިގެން ގޮސްފައިވާ ކާއްޓާއި ކުރުނބަލުގެ އަގުތައް ތިރި ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ފިޝަރީޒް މިނިސްޓްރީގެ ދަށުގައި ހުރި ފަޅުރަށްތަކުން ކާއްޓާއި ކުރުނބާ ގެނައުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.
ތަކެތި މަދުވާ ދަނޑިވަޅާ ދިމާކޮށް އަގުބޮޑުކޮށް ވިއްކާނަމަ ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.