13 Jul 2011, 08:07
ހދ. ކުޅުދުއްފުށިން މީހަކު ގެއްލިގެން ހޯދަމުން އެބަދެ އެވެ.
ފުލުހުން ބުނީ އިއްޔެ ހަވީރު ގެއްލުނު ކުޅުދުއްފުށީ މީހާ ހޯދުމުގެ މަސައްކަތް ކުޅުދުއްފުށީ ރައްޔިތުންނާއި ފުލުހުން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެ ރަށުން ގެއްލިފައި ވަނީ އަރޮޅިމާގޭ ހަސަން އިބްރާހީމް 51، އެވެ. ކުޅުދުއްފުށީގައި އޭނާ މަޝްހުރުވެފައި އޮންނަނީ ލާލު ހަސަނުގެ ނަމުގަ އެވެ.
ކުޅުދުއްފުށީ ކައުންސިލުން ބުނީ ކުދިންނާއި އަންބަކު ވެސް ހުންނަ ހަސަން އިބްރާހީމް އިއްޔެ ގެއިން ބޭރަށް ދިޔައީ ހެދުނު ކަމަށާއި އޭގެ ފަހުން އޭނާގެ ހަބަރެއް ނުވާ ކަމަށެވެ.
"ގެއްލުނުކަން އަޅުގަނޑުމެނަށް އެންގީ ހަވީރު، އެހެންނަމަވެސް ގެއެއިން ހެނދުނު ނުކުތް ގޮތަކަށް ހަބަރެއް ނުވޭ. އެހިސާބުން ފެށިގެން މެދުނުކެނޑި ހޯދަމުން މިދަނީ،" ކައުންސިލުގެ ރައީސް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ހަސަން ހޯދަން ރައްޔިތުންނާއި ފުލުހުންނާއި ސިފައިން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ހަސަނީ ރަނގަޅު ސިއްހަތުގައި ހުރި މީހެއް ކަމަށެވެ.
"ސިއްހަތު ރަނގަޅު، އެކަމަކު ސިކުނޑީގެ ކަމެއް މިދުވަސްކޮޅު އުޅުނު ކަމަށް ވަނީ،" ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.