ބާޒާރުގައި އަގު މައްޗަށް އަރައިގެން ގޮސްފައިވާ ކާއްޓާއި ކުރުނބަލުގެ އަގުތައް ތިރިކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

ކާށީގެ އަގު، މި ރަމަޟާން މަހާ ދިމާކޮށް ވަނީ ބޮޑުވެފައެވެ. ބާޒާރުގައި މިއަދު އެކި ސައިޒުގެ ކާށީގެ އަގު އުޅެނީ 10 ރުފިޔާއާ 30 ރުފިޔާއާ ދެމެދުއެވެ. މިދިޔަ ހަފްތާ ތެރޭގައި އެންމެ ކާއްޓެއްގެ އަގު 50 ރުފިޔާއާ ހަމައަށް ވެސް ވަނީ އުފުލިފައެވެ.

ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި، ކާއްޓާއި ކުރުނބަލުގެ އަގު ހެޔޮކުރުމަށްޓަކައި ވަނީ މަސައްކަތް ފަށައިފައެވެ.

އެގޮތުން، ފިޝަރީޒް މިނިސްޓްރީގެ ދަށުގައި ހުރި ފަޅުރަށްތަކުން ކާއްޓާއި ކުރުނބާ ގެނައުމަށް މިހާރު ވަނީ ހުޅުވާލާފައި ކަމަށް ޑރ. ޝައިނީ ވިދާޅުވިއެވެ.

އެހެން ނަމަވެސް މިކަމުގެ ތަފްސީލެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ރަމަޟާން މަސް މިއަދު ފަށާފައިވާ އިރު، މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ އަދި ކަނޑުގަދަ ދުވަސްވަރެކެވެ. ކަނޑުގަދަވުމުގެ ސަބަބުން ރަށްރަށުން މާލެއަށް ދަނޑުވެރިކަމުގެ ބާވަތްތައް ގެންނަ ކަނޑު އުޅަނދުފަހަރު ދަތުރުކުރުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

މިދުވަސްވަރު ބާޒާރުގައި އެހެނިހެން ބާވަތްތަކުގެ އަގުތައް ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.