27 May 2017, 14:41
ސަން ޓީވީން ގެނެސްދޭ، ނަބީބޭކަލުން ދިރިއުޅުއްވި ބިންތަކުގެ މަންޒަރުތައް ދައްކައިދޭ ސިލްސިލާ ކަމުގައިވާ "ނަބީބޭކަލުންގެ ބިންތައް" މި ޕްރޮގްރާމުގެ އާ އެޕިސޯޑު ތަކެއް މި އަހަރު ސަން ޓީވީން ގެނެސްދޭން ނިންމައިިފި އެވެ. އާ ޕްރޮގްރާމް ތަކާއެކު ކުރީގެ އެޕިސޯޑުތައް ވެސް ގެނެސްދޭން ނިންމާފައިވާ އިރު މި އަހަރު މި ޕްރޮގްރާމް ސަން ޓީވީން ދައްކަން ނިންމާފައި ވަނީ ރޯދަ މަހު ކޮންމެ ދުވަހެއްގެ މެންދުރު 1:00 ގަ އެވެ.
ނުބުއްވަތުގެ އަސަރުތަކަކީ އިންސާނީ ތާރީޚުގެ މަރުޙަލާތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަރުޙަލާގެ ޒިކުރާ އައު ކޮށް އާލާ ކޮށް ދޭ ހެކިތަކެކެވެ. އެ މަރުޙަލާ އަކީ އިންސާނުންނަށް ޓަކައި ތައުޙީދާއި ހެޔޮ ކަމުގެ ރިސާލަތައިގެން އިންސާނުންގެ ތެރެއިން ﷲ އިޚުތިޔާރު ކުރެއްވި ނަބީ ރަސޫލުން ފޮނުއްވި މަރުޙަލާއެވެ.
ނަބީބޭކަލުންގެ ބިންތަކުގެ ސިލްސިލާތަކުގައި ދައްކާނީ ނަބީބޭކަލުން އުޅުއްވި ބިންތަކަށް ދަތުރުކޮށްގެން ނަގާފައިވާ މަންޒަރުތަކެވެ. މި ދަތުރުތަކަކީ ފުޅާވެގެންވާ އަރަބި ބައްރުގެ އެންމެ ދެކުނުން ފެށިގެން ތުރުކީއާ ހަމަޔަށް މިޞްރާއި ޝާމާއި ޢިރާޤުގެ ތެރެއިން ލާފައި ކޮށްފައިވާ ދަތުރުތަކެކެވެ. މިއީނުބުއްވަތުގެ ހެކިތައް ދިރާސާ ކޮށް ނަބީ ބޭކަލުންގެ އަސަރުތައް ހުރި ތަންތަނަށް ކޮށްފައިވާ ދަތުރުތަކެކެވެ. މިއީ ނުބުއްވަތުގެ ބިންތަކުގައި ކޮށްފައިވާ ދަތުރަކަށް ވެފައި، ނަބީ ބޭކަލުން ދަތުރުފުޅު ކުރެއްވި މަގުތަކަށް ފަރުވާތެރިކަމާ އެކު ތަބާވެގެން ކޮށްފައިވާ ދަތުރުތަކެއް ކަމުގައިވާތީ މި ޕްރޮގްރާމްތައް ވެގެންދާނީ ވަރަށް ޝައުގުވެރި ކުރުވަނިވި ޕްރޮގްރާމްތަކަކަށެވެ.
މިއަހަރުގެ ރޯދަ މަހު ސަންޓީވީން "ނަބީބޭކަލުންގެ ބިންތައް" މި ސިލްސިލާގެ އާ އެޕިސޯޑުތަކާވެސް އެކު ކޮންމެ ދުވަހަކު ވެސް މެންދުރު 1 ޖަހާއިރު ގެނެސްދޭނެ އެވެ. އަދި މި ޕްރޮގްރާމްގެ ރިޕީޓްވެސް ގެނެސްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.