ޕޯޓްލޭންޑް (މެއި 27): އެމެރިކާގެ ޕޯޓްލޭންޑުގެ ރޭލެއްގައި ދެ މުސްލިމު ފަސިންޖަރުންނަށް ފުރައްސާރަ ކުރަމުން ދިޔަ މީހަކު ހުއްޓުވަން މަސައްކަތް ކުރި ތިން މީހަކަށް ވަޅިން ހަމަލާދީ، ދެ މީހަކު މަރާލައިފި އެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނާ ގޮތުގައި ވަޅިން ހަމަލާދިން މީހާ ދިޔައީ ދެ އަންހެނަކާ ސުވާލުކޮށް، އިސްލާމް ދީނާ ދެކޮޅު އެއްޗެހި ގޮވަމުންނެވެ. އޭގެ ތެރެއިން އެއް އަންހެނަކީ ބުރުގާ އަޅައިގެން ހުރި މީހެއް ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އަދި އޭނާ ހުއްޓުވަން ބަޔަކު މަސައްކަތް ކުރުމުން އޭނާ ތިން މީހަކަށް ވަޅިން ހަމަލާ ދިނީ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެ އެވެ. އެހާދިސާގައި އެވަގުތު އެކަކު މަރުވެ، ދެ ވަނަ މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ކަމަށް ފުލުހުން ބުންޏެވެ. އެހަމަލާގައި އަނިޔާވި ތިން ވަނަ މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.

ޕޯޓްލޭންޑުގެ ފުލުހުން ލަފާ ކުރާ ގޮތުގައި ހަމަލާ ދިން މީހާ އެހަމަލާ އަމާޒު ކުރީ ދެ އަންހެނުންނަށް ކަމަށްވުން އެކަށީގެންވެ އެވެ. އަދި ފުލުހުން މިހާރު ދަނީ މައްސަލަ ތަހުގީގު ކުރުމަށްޓަކައި އެ ދެ އަންހެނުން ހޯދަމުންނެވެ. (ބީބީސީ)