13 Jul 2011, 07:54
ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގައި ދެމެހެއްޓެނިވި އިގްތިސާދެއް ގާއިމް ކުރުމަށް ތަރައްގީވެފައިވާ ގައުމުތަކުން އެހީތެރިވެދޭ މިންވަރު ބެލުމަށް ބައިނަލް އަގުވާމީ މުޖުތަމައަށް ރާއްޖެއިން ގޮވާލައިފި އެވެ.
މި މަހުގެ ހަތަކުން އަށަކަށް ޝީޝެލްސްގެ ވިކްޓޯރިއާގައި ކުރިއަށް ދިޔަ ދެމެހެއްޓެނިވި ތަރައްގީގެ ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރެވެ.
ސްޓޭޓް މިނިސްޓަރު ނޫސްވެރިންނާ ބައްދަލުކުރައްވާ އިއްޔެ ވިދާޅުވީ ކުދި ގައުމުތަކުން ބައިވެރިވި އެ ކޮންފަރެންސްގައި ކުދި ގައުމުތަކުގެ އިގްތިސޯދުތަށް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިޔުމަށްޓަކައި އދ. ގެ އިދާރީ އޮނިގަޑަށް ގެންނަންޖެހޭ ބަދަލު ތަކާމެދު އެއްބަސްވެވި ރިޒޮލިއުޝަންއެއް އެކުލަވާލެވުނު ކަމަށެވެ.
"... އދ ގެ އިދާރީ އޮނިގަޑަށް ގެންނަންޖެހޭ މުހިންމު ބަދަލުތަކެއް އެބަހުރި. އެއީ ދެމެހެއްޓެނިވި އިގުތިސޯދެއް ގާއިމްކުރުމަށް އެ ބަދަލުތައް ގެންނަން ޖެހޭ ކަމަށް ފާހަގަ ކުރެވުނީ. އެއްބަސްވެވުމަކަށް އާދެވުނީ،" އަސްލަމް ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ ކުދި ގައުމުތަށް ގިންތި ކޮށްގެން އުފެއްދުންތެރި އަދި ދެމެހެއްޓްނިވި އިގްތިސޯދެއް އުފެއްދުމަށް ވެސް މެންބަރުންގެ މެދުގައި އެއްބަސްވި ކަމަށެވެ.
"މިހާރަކަށް އައިސް ފެހި އިގްތިސޯދެއް އެބައުޅޭ. އަޅުގަނޑުމެން ވަކާލާތު ކުރިން އެއީ ދެމެހެއްޓެނިވި އިގުތިސޯދުގެ ބަޔެކޭ އަދި ނޫ އިގްތިސޯދަކީ ވެސް އޭގެ ސިފަޔެކޭ. އަޅުގަނޑުމެންގެ މި ވާހަކަޔަށް އެ ބޭފުޅުން ވެސް ތާއީދު ކުރެއްވި،" އަސްލަމް ވިދާޅުވި އެވެ.
ކުދި އަދި މެދުފަންތީގެ ގިނަ ގައުމުތަކަކުން ބައިވެރިވި އެ ކޮންފަރެންސް ލިބުނު އެންމެ ބޮޑު ފައިދާއަކީ މެންބަރު ގައުމުތަކުގެ މެދުގައި ހުރި މައްސަލަތަކަށް ސިޔާސީ އެއްބަސްވުމަކަށް އާދެވުން ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ގާނޫނީ އެއްބަސް ވުމަކަށް ނާދެވުނަސް ސިޔާސީ އެއްބަސްވުމަކަށް އާދެވިއްޖެ. އެއްބަސްވުމަކަށް އާދެވުމަކީ ލިބުނު އެންމެ ބޮޑު އެއް ކާމިޔާބު،" އަސްލަމް ވިދާޅުވި އެވެ.