ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުނު ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީޕްލޭނެއް ފުރޮޅާލައި، އެކްސިޑެންޓެއް ހިނގައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތައް ދައްކާ ގޮތުގައި، ވެލާނާ އެއާޕޯޓުގެ ވޯޓާޑްރޯމަށް ޖައްސަން އުޅެނިކޮށް ޓީއެމްއޭގެ އެ ސީޕްލޭން އޮތީ ވާތްފަރާތަށް ފުރޮޅާލައި، އޭގެ ބޮޑުބައި އޮތީ ފެނު އަޑީގައެވެ.

އެމްއޭސީއެލްގެ ތަރުޖަމާނު، ހަސަން އަރީފް ސަންއަށް ވިދާޅުވިގޮތުގައި، 12 މީހުންނާއެކު ކޮންރެޑް ރަންގަލި ރިސޯޓުން މާލެއައި ޓީއެމްއޭގެ ބޯޓެއް މިއަދު ހެނދު 8:35 ކަންހާއިރު ވަނީ ހުޅުލޭ ފަޅުތެރެއަށް ވެއްޓިފައެވެ. އެ ބޯޓުގައި ތިބީ ނުވަ ފަސިންޖަރުންނާއި ތިން ކްރޫއިން ކަމަށާއި އެއިން އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް "ސަން"އަށް ވިދާޅުވި ގޮތުގައި، މިފަދަ ހާދިސާއެއް ހިނގި ކަމަށާއި، މިއަދު ހެނދުނު 9:18 ހާ އިރު އެ ބޯޓުު ފެންމައްޗަށް ނަގައި، އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އެއާޕޯޓަށް ޖައްސަން އުޅެނިކޮށް ފުރޮޅާލި ޓީއެމްއޭ ސީޕްލޭން --- ފޮޓޯ: ޓްވިޓަރ (@Thappe12)

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ފަރާތުން މި ހާދިސާއާ ގުޅޭ ބަހެއް ލިބިފައެއް ނުވެއެވެ.