އެމްޑީޕީގެ ބައެއް މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ ހަށިކޮޅަށް އަތްލައި، ޖިސްމާނީ ގޮތުން ގެއްލުން ދީފައިވާ ކަމަށް ބުނެ، އެކަން ތަހުގީގުކޮށް ފިޔަވަޅު އަޅުމަށް އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕީޕަލްސް އެލައަންސް )ޕީއޭ( އިން ގޮވާލައިފި އެވެ.

ޕީއޭން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނަނީ، މަޖިލީހުގެ ކޮމެޓީތައް އިންސާފުވެރި ގޮތެއްގައި ބަހައިލުމަށްޓަކައި، މަޖިލިހުގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ މިދަނޑިވަޅުގައި، އެހިޔާލުތަފާތުވުންތައް އެއްކިބާ ކުރުމަށް ފަހު، މަޖިލިސް ކުރިއަށް ގެންދިއުމަށް ނާޒިމް ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

ނަމަވެސް، އެންމެފަހުން މަޖިލިސް ހުއްޓާލަން ޖެހުނީ މެންބަރުންނަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ ވަޑައިގަތުމަށްފަހު އަދި ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުންނާ ވެސް ބައްދަލު ކުރެއްވުމަށްފަހު، މަޖިލީސް ކުރިއަށް ގެންދެވުމަށް އަލިމަގެއް ނުފެނި، މަޖިލިސް އިތުރަށް ކުރިއަށް ނުގެންދެވިގެން ކަމަށެވެ. އަދި މިއަދުގެ މަޖިލީސް ހުއްޓުވާލެއްވިކަން ރިޔާސަތުން އިއުލާން ކުރެއްވުމުން އެމްޑީޕީގެ ބައެއް މެންބަރުން ނާޒިމަށް ގެއްލުންދީފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"މިއަދުގެ މަޖިލީސް ހުއްޓައިލެއްވިކަން ރިޔާސަތުން އިއުލާން ކުރެއްވުމުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގެ ރައީސްގެ މޭޒުކޮޅު ދޮށަށް އެއްވެ، މަޖިލީހުގެ ނައިބު ރައީސް ހިސޯރުކޮށް، އެމަނިކުފާނުގެ ހަށިކޮޅަށް އަތްލާ ޖިސްމާނީ ގޮތުން ވަނީ ގެއްލުން ދީފައެވެ،"ޕީއޭން ބުނެފައިވެ އެވެ. "މިކަމަކީ އެމްޑީޕީގެ ބައެއް މެންބަރުން ހިންގާފައިވާ ޖިނާއީ ބޮޑު ކުށެއް ގަމުގައި މިޕާޓީން ދެކެމެވެ. އަދި މިޕާޓީގެ ފަރާތުން މިއަމަލު އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ. އަދި ކަމާބެހޭ އިދާރާތަކުން، މިމައްސަލަ ބައްލަވައި، މިކަން އެންމެ ރަނގަޅަށް ތަހުގީގް ކުރައްވައި، ފިޔަވަޅު އެޅުއްވުމަށް ގޮވާލަމެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

އަދި މީގެ ކުރިން އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ނިޒާމު ގެއްލުވާލުމުން މަޖިލީސް ކުރިއަށް ގެންދެއްވުމަށް ދަތިވެގެން، އެތައް ފަހަރަކު މަޖިލިސް ހުއްޓާލަންޖެހިފައިވާކަން އެނޫސްބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި މިއަދު ދިވެހި މަޖިލީސް ހިސާރުކޮށް، އެމްޕީގެ މެމްބަރުން ހިންގަމުންދާ ޖަރީމަތައް އެޕާޓީން ކުއްވެރިކޮށްފައިވެ އެވެ.

ހަބަރާ ގުޅޭ ވީޑިއޯ:

http://www.youtube.com/watch?v=fqjQ2JWpB7U&feature=youtube_gdata_player