12 Jul 2011, 22:04
ދެވަނަ ޑިވިޒަން ފުޓްބޯޅަ މުބާރަތުގެ ފަހު މެޗްގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީއާއި ދެކޮޅަށް ކ. ހުރާ )ހުއްރިޔާ ސްޕޯޓްސް ކުލަބް( ކުޅުނު މެޗް 1-1 ލަނޑުން އެއްވަރު ވުމުން މުބާރާތުގެ ޗެމްޕިއަންކަން ހުއްރިޔާ ސްޕޯޓްސް ކުލަބަށް ލިބިއްޖެ އެވެ. ހުރާ ޗެމްޕިއަންކަން ހޯދީ ތާވަލްގެ އެންމެ ކުރީގައި އޮވެ، 13 ޕޮއިންޓާއެކުގަ އެވެ.
މިމެޗަށް ނިކުތް އިރުވެސް ތާވަލްގެ އެންމެ ކުރީގައި އޮތް ހުރިއްޔާ ސްޕޯޓްސް ކުލަބަށް 12 ޕޮއިންޓު ލިބިފައިވާއިރު، ދެވަނާގައި އޮތް ޔުނައިޓެޑް ވިކްޓަރީ ލިބިފައި ވަނީ 10 ޕޮއިންޓެވެ. އެހެން ނަމަވެސް މިއަދުގެ މެޗުން އެއްވަރުވުމުން ރަނަރަޕްޓީމެއްގެ ގޮތުގައި ޔުނައިޓެޑް ވިކްޓަރީން މުބާރާތް ނިންމާލީ 11 ޕޮއިންޓާއެކު ތާވަލްގެ ދެ ވަނާގައި އޮވެ އެވެ.
ފުރަތަމަ ހާފުގެ ފަސް ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓަރީގެ މުހައްމަދު ރިފާތު ލަނޑެއްޖަހައި ލީޑް ނަގާފައި ވަނިކޮށް، މެޗްގެ ދެވަނަ ހާފްގެ 75 ވަނަ މިނެޓުގައި ހުރާއިން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ލަނޑު ހުރާއަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ސިބާޢު އެވެ.
ދެ ވަނަ ހާފުގެ 85 ވަނަ މިނެޓުގައި ހުއްޓާލަން ޖެހުނު މިމެޗް، އަލުން ފަށާފައި ވަނީ ހަތް މިނެޓް ފަހުން ނެވެ. ދެ ވަނަހާފްގައި މެޗް މެދުކަޑާލަން ޖެހުނީ ދަނޑުން ބޭރުގައި ހުރި ވިކްޓަރީ ސްޕޯޓްސް ކުލަބްގެ އިސްމާއިލް ޝަފީއު ހުރާގެ ކުޅުން ތެރިއެއްގެ ގައިގައި ފުޅިއަކުން ޖެހުމުންނެވެ. އެހެން ކަމުން މެޗް ބަލަން ގޮސްތިބި ދެޓީމްގެ ވެސް ސަޕޯޓަރުންގެ މެދުގައި ވަނީ ކޮންމެ ވެސް ވަރެއްގެ ހަމަނުޖެހުމެއް ހިގައިފައެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ހުއްރިއްޔާ ސްޕޯޓްސް ކުލަބްގެ މައުސޫމް އަބްދުލް ޤަފޫރެވެ. އަދި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަޤާމް ލިބުނީ ޔުނައިޓެޑް ވިކްޓަރީގެ މުހައްމަދު އަގީލެވެ.
ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީއަކީ ދިރާގު ދިވެހިލީގު ކޮލިފައިންއަށް ހޮވިފައިވާ ދެކުލަބެވެ. މިދެޓީމު ދިރާގު ދިވެހިލީގު ކޮލިފައިންގައި ބައްދަލުކުރަންޖެހޭނީ ކްލަބް ވިޔަންސާއާއި އޯލްޔޫތް ލިންކޭޖް )އޭވައިއެލް( އާއެވެ.