14:30


ހއ. ތަކަންދޫގައި ހިނގި މާރާމާރީއެއްގައި ތިން މީހަކަށް އެކިވަރުގެ އަނިޔާވެ، މާރާމާރީގައި ބައިވެރިވި ކަމުގެ ތުހުމަތުގައި 18 އަހަރުން ދަށުގެ ކުއްޖަކާއި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.


ތަކަންދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އެ މާރާމާރީ ހިނގީ އެރަށު އަތިރިމަތީގައި ތިބި އެރަށު އިންޖީނުގޭގައި މަސައްކަތްކުރާ ދެ މީހެއްގެ ދެމެދުގައި ރޭ ގާތްގަނޑަކަށް ހަތެއް ޖަހާކަންހާއިރު ބަދަލުކުރަންފެށި ބަހުގެ ހަމަލާތައް ހޫނުވެގެން ގޮސް ހިނގި ދެބަސްވުމެއްގައި އެސަރަހައްދަށް އިތުރު ގްރޫޕެއް ގޮސް މާރާމާރީ ހިނގުމުން ކަމަށެވެ. އެ މާރާމާރީގައި އެތަނުން އެކެއްގެ ނިތްކުރި ފަޅައިގެން ގޮސް، އަނެއް މީހާގެ ގައިގެ އެކިތަންތަނަށް އަނިޔާވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.


މިކަމާ ގުޅިގެން ތަކަންދޫ ކައުންސިލަރ މުހައްމަދު ސޯދިގު މިއަދު ވިދާޅުވި ރޭ އެރަށުގައި ހިނގި އެ މާރާމާރީއަކީ ބޮޑަށް ޕާޓީގެ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެމާރާމާރީ ހިނގިއިރު އޭނާވެސް އެތަނުގައި އިންނެވި، ނަމަވެސް މަސްލަހަތައް ބައްލަވާ އެކަމާ ބެހިވަޑައިނުގެން އެކަންތައް ފުލުހުންނަށް ރިޕޯޓްކުރެއްވީ ވެސް އޭނާ ކަމަށް ސޯދިގު ވިދާޅުވި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތަކަންދޫގައި ރޭ ހިނގި މާރާމާރީގައި ތިން މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން ދެ މީހަކަށް ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަނެއް މީހާއަށް ތަކަންދޫ ހޮސްޕިޓަލުގައި އަދިވެސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މާރާމާރީއާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.