26 May 2017, 18:47
ޖެންޑާ މިނިސްޓްރީން ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު، ފިޔަވަތީގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ލައިބްރަރީއެއް ގާއިމްކޮށް، ހުޅުވައިފިއެވެ.
އެމްއޭސީއެލްގެ އާންމު އިޖްތިމާއީ ޒިންމާގެ ދަށުން ގާއިމްކުރި އެ ލައިބްރަރީ ހުޅުއްވައިދެއްވީ ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ ޝަހީދު ޒަކީ އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއެވެ.

އެމްއޭސީއެލް އިން ފިޔަވަތީގައި ގާއިމްކުރި ލައިބްރަރީ ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ
ލައިބްރަރީ ހުޅުވުމަށް އިއްޔެ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޖެންޑާ މިނިސްޓަރު ވިދާޅުވީ، ފިޔަވަތީގެ ކުދިން ބިނާ ކުރުމަށާއި އެކުދިންނަށް މުޖުތަމައުގައި އެހެން ކުދިންނެކޭ އެއްފަދައިން ގިނަ ފުރުސަތުތަކެއް ހޯދަދައިދިނުމަކީ ސަރުކާރުން އަހައްމިޔަރުކަންދޭ ކަމެއް ކަމަށެވެ.
އަދި ފިޔަވަތީގެ ކުދިން ފޮތް ކިއުމަށް ޝައުގުވެރިކަން އުފެއްދުމަށާއި އެކުދިންގެ ތައުލީމީ ފެންވަރު މިހާރަށްވުރެ ރަނގަޅުކުރުމަށް ލައިބްރަރީތައް ގާއިމްކުރުމަކީ މުހިއްމުކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ އެކަމަށްޓަކައި އެމްއޭސީއެލް އަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

އެމްއޭސީއެލް އިން ފިޔަވަތީގައި ގާއިމްކުރި ލައިބްރަރީ ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ
ފިޔަވަތީގައި ގާއިމްކުރި ލައިބްރަރީ ހުޅުވައިދެއްވުމަށްފަހު ޖެންޑާ މިނިސްޓަރު ވަނީ އެތަނުގެ ކުޑަކުދިންނާއެކު ފޮތް ކިޔުއްވާ ވަގުތު ކޮޅެއް ހޭދަކޮށްލާފައެވެ.
ފިޔަވައްޗަކީ އެކި ސަބަބުތަކަށްޓަކާ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ 10 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ސަރުކާރުން ހުޅުވި މަރުކަޒެކެވެ. މި މަރުކަޒުގައި މިވަގުތު 99 ކުދިން ބަލަހައްޓަމުންދެއެވެ.
ދައުލަތުގެ ބެލުމުގައި ދަށުގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށް ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށްޓަކާ ޖެންޑާ މިނިސްޓްރީން ދަނީ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ޕާޓްނާޝީޕް އުސޫލުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެމްއޭސީއެލް އިން ފިޔަވަތީގައި ގާއިމްކުރި ލައިބްރަރީ ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ