ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން ޖެންޑާ މިނިސްޓްރީން ހިންގާ "ރަންވޭލާ" ކެމްޕެއިންގެ ޕްރޮގްރާމްތައް މ. އަތޮޅުގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ޖެންޑާ މިނިސްޓްރީން އިފްތިތާހްކުރި ރަންވޭލާ ކެމްޕެއިންގެ ދަށުން މ. އަތޮޅުގެ އަށް ރަށުގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން މުޖުތަމައުގައި އިތުރުކުރުމަށް ސެޝަންތަކެއް ހިންގާފައިވެއެވެ.

މ. އަތޮޅުގެ ހުރިހާ ރަށެއްގައި ހިންގި ރަންވޭލާ ކެމްޕެއިންގެ ތެރެއިން --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

ދޮށީ އުމުރުގެ 160 އަށްވުރެ ގިނަ މީހުން ބައިވެރިވި އެ ސެޝަންތަކުގައި އެފަދަ ފަރާތްތަކަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތަކަށް މަގުފަހިކޮށްދިނުމަށާއި އެފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މުހިއްމުކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށާއި އެފަރާތްތަކަށް ޒުވާނުންގެ ފަރާތުން ލިބޭ އެހީތެރިކަން އިތުރުކުރުމަށްޓަކައި މ. އަތޮޅުގެ 220 އަށްވުރެ ގިނަ ޒުވާނުންނަށް ވެސް ހާއްސަ ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ.

މ. އަތޮޅުގެ ހުރިހާ ރަށެއްގައި ހިންގި ރަންވޭލާ ކެމްޕެއިންގެ ތެރެއިން --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

އަދި ޖެންޑާ މިނިސްޓްރީ އާއި މ. އަތޮޅުގެ ހޮސްޕިޓަލްތް އަދި ހެލްތު ސެންޓަރުތައް ގުޅިގެން އަތޮޅުގެ ހުރިހާ ރަށެއްގައި ދޮށީ އުމުރުގެ މީހުންނަށް ހެލްތު ސްކްރީނިން ޕްރޮގްރާމެއް ކުރިއަށްގެންދިޔައިރު، ދޮށީ އުމުރުގެ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަގްސަދުގައި އެ އަތޮޅުގައި މަސައްކަތްކުރާ ހެލްތު ވޯކަރުންނަށާއި އިޖްތިމާއީ ހިދުމަތްތެރިންނަށް ވެސް ތަމްރީން ދީފައިވެއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހިންގުމަށް ނިންމާފައިވާ ރަންވޭލާ ކެމްޕެއިންގެ ހަރަކާތްތައް މީގެ ކުރީން ހިންގާފައިވަނީ ބ. އަތޮޅު އަދި ޅ. އަތޮޅުގައެވެ.

މ. އަތޮޅުގެ ހުރިހާ ރަށެއްގައި ހިންގި ރަންވޭލާ ކެމްޕެއިންގެ ތެރެއިން --- ފޮޓޯ/ ޖެންޑާ މިނިސްޓްރީ