26 May 2017, 14:10
ބަރަކާތްތެރި ރަމަޟާން މަސް މާދަމާ މުސްލިމުންނާ ބައްދަލު ކުރާއިރު، އެ މަހަށް މަރުހަބާ ކިޔަންވީ މާއްދީ ގޮތުންނާއި ރޫހާނީ ގޮތުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުތުބާގެ މައުލޫއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރަމަޟާން މަަހަށް މަރުހަބާ ކިޔުމެވެ.
އެގޮތުން ޚުތުބާގައި ބުނެފައިވަނީ މައްސަރުތަކުގެ ތެރެއިން އެންމެ މާތް މައްސަރަކީ އެމަހެއްގައި ޤުރުއާން ބާވާލެއްވި ރަމަޟާން މަސްކަމުގައެވެ. އެހެންކަމުން އެމަސް މުސްލިމުންނާ ބައްދަލުކުރާއިރު ކޮންމެ މުސްލިމަކުވެސް އެ މަހަށް ތައްޔާރުވާން ޖެހެނީ ހަމައެކަނި މާއްދީ ގޮތުން ނޫން ކަމަށާއި ރޫހާނީ ގޮތުން ވެސް އެ މަހަށް ތައްޔާރުވާން ޖެހޭ ކަމަށްވަނީ ބުނެފައެވެ.
އެގޮތުން ގޭތެރެ ޒީނަތްތެރިކުރުމާ އެއްވަރަށް ތިމާގެ ނަފްސްވެސް ޝައިތާނީ ވަސްވާސްތަކާއި މުންކަރާތް ތަކުން ދުރުކޮށް ޒިނާތްތެރިކުރަންޖެހޭ ކަމަށްވަނީ ބުނެފައެވެ. އަދި ރަމަޟާން މަސް އައިސް ބައްދަލުކުރާއިރު ތިމާ އެމަހަށް މަރުހަބާ ކިޔުމަށް ފުރިހަމައަށް ތައްޔާރުވާން ޖެހޭ ކަމަށާއި އެ މަހަކީ ގިނަގިނައިން ފާފަ ފުއްސަވާ މަހެއް ކަމަށްވެސް ވަނީ ބުނެފައެވެ.
ރޯދަމަހަށް ހަނދު ފެންނަ ހިސާބުން ފެށިގެންވެސް އެ މަހުގެ ކަންކަން ކުރިއަށްގެންދާނެ ގޮތް ހަމަޖައްސައި އެ މަހުގައި އަޅުކަންތައް ކުރިއަށް ގެންދާނެ ގޮތްތައް ރާވަންޖެހޭ ކަމަށް ޚުތުބާގައިވަނީ ބުނެފައެވެ. އަދި ގިނަވަގުތު އަޅުކަމުގައި ހޭދަ ކުރެވޭނީ ކޮން ގޮތަކުންތޯ ބަލައި އެގޮތަށް އެކަންކަން ހަމަޖެއްސުމަކީވެސް މުހިއްމު ކަމެއްގެ ގޮތުގައިވަނީ ބުނެފައެވެ.
ހުތުބާގައި ބުނެފައިވަނީ ގިޔާމަތް ދުވަހު އައްރާޔާން ދޮރުކޮޅުން ސުވަރުގެ ވަންނާނީ ހަމައެކަނި ރޯދަ ވެރިން ކަމަށާއި އެ ދޮރުކޮޅު ހާއްސަ ކުރެވިފައިވަނީ ހަމައެކަނި ރޯދަވެރިންނަށްކަމަށެވެ. އެހެންކަމުން އެ ދޮރުކޮޅުން ސުވަރުގެ ވަންނަން އެދޭނަމަ މާދަމާ މުސްލިމުންނާ ބައްދަލުކުރާ އެންމެ މާތް މައްސަރުގެ ހެޔޮކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފުމަށް އަވަހަށް މާއްދީ ގޮތުންނާއި ރޫހާނީ ގޮތުން ތައްޔާރުވުމަށް ޚުތުބާގައިވަނީ ނަސޭހަތްތެރިވެފައެވެ.