26 May 2017, 10:18
އޭ ލެވެލްގައި ހުރިހާ މާއްދާއަކުން އޭ ފާސް ހޯދާ ދަރިވަރުންނަށް ދޭ "ހައި އެޗީވާސް ސްކޮލަޝިޕް" ގައި ސާކް ގައުމުތަކުގައި ކިޔެވުމަށް އިސްކަންދޭން ނިންމައިފި އެވެ.
ސްކޮލަޝީޕް ދޭ އުސޫލު އެކުލަވާލައި ގެޒެޓްކޮށްފައިވާއިރު އެ އުސޫލުގައި ބުނެފައިވަނީ ހައިއެޗީވާސް ސްކޮލަޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ދެވޭނީ ސާކް ގައުމުތަކުން އެކަނި ކަމަށެވެ.
އަދި ސާކް ގައުމުތަކުން ނުކިޔެވޭ ދާއިރާއެއްގެ ކޯހެއްނަމަ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް އޮގަނައިޒޭޝަން (ނޮން އޯއީސީޑީ) ގައި ބައިވެރިވެފައިވާ ގައުމުތަކުން ކިޔެވުމުގެ ފުރުސަތު ދެވޭނެ ކަަމަށް އުސޫލުގައި ބުނެފައިވެ އެވެ.
އެކަމަކު އެ ގައުމުތަކުގައި ކިޔަވަން ދިޔަ ނަމަވެސް ހަރަދެއްގެ ގޮތުން ލިބޭނީ ސާކް ގައުމެއްގައި ހަތަރު އަހަރުން ބެޗްލާސް ޑިގްރީއެއް ހަދަން ދާ ހަރަދު ކަމަށް އުސޫލުގައި ވަނީ ބުނެފަ އެވެ.
މީގެކުރިންވެސް އަމަލުކުރަމުންދިޔަ ގޮތަށް ސްކޮލަޝިޕް ދެވޭނީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ދާއިރާތަކަށް ބިނާކޮށް މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަނުން އެކުލަވާލާ ލިސްޓުގައި ހިމެނޭ ދާއިރާތަކުންނެވެ.
އުސޫލުގައިބާގޮތުން ހައި އެޗީވާސް ސްކޮލަޝިޕަށް ހޮވޭތާ 18 މަސްދުވަހުގެ ތެރޭގައި ކިޔަވަން ފަށަން ޖެހެ އެވެ. އެމުއްދަތުގައި ކިޔަވަން ނުފެށޭ ފަދަ އުޒުރެއް ދިމާވެއްޖެ ނަމަ އެކަން 18 މަސްދުވަހުގެ ކުރިން ހަޔަ އެޑިއުކޭޝަނަށް އަންގަން ޖެހޭނެ ކަމަށް އުސޫލުގައިވެ އެވެ.
މީގެ ކުރިން އެކުލަވާލާފައިވާ އުސޫލަށް ބަލާއިރު ހައި އެޗީވާސް ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުސަތު ލިބިގެންދެ އެވެ. ނަމަވެސް އާ އުސޫލާއެކު އެފުރުސަތު ހަނިވެގެންދާނެ އެވެ.
މި އަހަރުގެ އޭލެވެލް އެއްވަނަ ހޯދައި ހައި އެޗީވާސް ސްކޮލަޝިޕް ހޯދި ދަރިވަރުންގެ އަދަދު ވަނީ ރިކޯޑު އަދަދަކަށް އިތުރު ވެފަ އެވެ.