25 May 2017, 21:49
މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރު ދުވަސް ކަމުގައި ރަސްމީކޮށް ކަނޑައަޅައިފި އެވެ.
އެގޮތަށް ނިންމާފައިވަނީ އިސްލާމިކް މިނިސްޓްރީގައި ހަނދު ސާބިތު ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީން ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ. އެ ކޮމިޓީން ނިންމި ނިންމުމުގައި ބުނެފައި ވަނީ މިއަދު އިރުއޮއްސުން އިރު އިސްލާމީ އެއްވެސް ގައުމަކަށް ހަނދު ފެނިފައި ނުވާ ކަަމަށެވެ.
ފަލަކީ ހިސާބުތަކުން ދައްކާގޮތުން މިއަދުގެ އިރުއޮއްސުމުގެ ކުރިން ހުރިހާ ގައުމަކަށް ވެސް ހަނދުއޮއްސިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި، މިއަދު މާލެއަށް އިރު އޮއްސުނީ ހަނދު އޮއްސުމުގެ 19 މިނެޓު ފަހުންނެވެ. ރާއްޖޭގެ އެންމެ އުތުރަށް އިރު އޮއްސުނީ ހަނދު އޮއްސުމުގެ 20 މިނެޓު ފަހުންނެވެ. ރާއްޖޭގެ އެންމެ ދެކުނަށް އިރު އޮއްސުނީ ހަނދު އޮއްސުމުގެ 17 މިނެޓު ފަހުންނެވެ.