ފުވައްމުލަކު ސިޓީ ކައުންސިލަށް ލިބިގެން ވަނީ އައްޑޫ އަދި މަލޭ ސިޓީ ކައުންސިލަށް ލިބިގެންވާ ބާރުތައް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޣައްޔޫމް ކަނޑައަޅުއްވައިފި އެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެގޮތަށް ރައީސް ނިންމަވާފައިވާއިރު މީގެ ދުވަސްތަކެއް ކުރިން މާލޭ ސިޓީ ކައުންސިލް އަދި އައްޑޫ ސިޓީ ކައުންސިލަށް ދީފައިވާ ގިނަ ބާރުތަކެއް ހައުސިންގެ މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.

މީގެ ކުރިން ސިޓީ ކައުންސިލުތަކުން ކުރަމުންދިޔަ ކަންކަމުގެ ތެރޭގައި ހިމެނޭ މަގުތައް ހެދުމާއި މަގުތައް މަރާމާތު ކުރުމާއި ފާލަންތަކާއި ފެރީ ޓާމިނަލް ފަދަ ތަންތަނުގެ އިތުރުން މަގުމަތީގެ ފެން ހިންދުމާއި ކާނުތައް ސާފުކުރުމާއި ޕެސްޓް ކޮންޓްރޯލް ކުރުމުގެ ޚިދުމަތްތައް ވެސް ހައުސިން މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.

އެ ތަންތަނާއި ޚިދުމަތްތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.

ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ އާއި ފުވައްމުލައް އަދި އައްޑޫ ސިޓީ ކައުންސިލުގެ މެޖޯރިޓީ ވެސް ނަގާފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. މީގެކުރިންވެސް އެ ކައުންސިލްތަކުގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ.