އައްޑޫ ސިޓީގައި މިއަހަރުގެ ނޮވެމްބަރުމަހު ބާއްވާ 17 ވަނަ ސާކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހުގެ ދެކަނބަލުންނަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފޮނުއްވި ދައުވަތުގެ ސިޓީ ބޮޑުވަޒީރަށް އަރުވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެސިޓީ ބޮޑުވަޒީރަށް އެރުވީ، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ހުސައިން ޒަކީ، އިންޑިޔާގެ ބޮޑުވަޒީރުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގަ އެވެ.

އެ ޒިޔާރަތުގައި، ރާއްޖޭގައި ބާއްވާ 17 ވަނަ ސާކް ސަމިޓާ ގުޅޭގޮތުންނާއި، ސާކްގެ ހަރަކާތްތަކާ ގުޅޭގޮތުންނާއި ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާދެމެދު އުފެދިފައިވާ ގާތް އިހުލާސްތެރި ގުޅުންތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ސްޕެޝަލް އެންވޯއީގެ އެދަތުރުފުޅުގައި، އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް އެސް.އެމް.ކްރިޝްނާއާ ބައްދަލުކުރައްވައި، 17 ވަނަ ސާކް ސަމިޓަށް ރާއްޖެ ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުންނާއި ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

އިބްރާހިމް ހުސައިން ޒަކީގެ އެދަތުރުފުޅުގައި، އިންޑިޔާގެ މުހިންމު ދެ އެން.ޖީ.އޯ. އެއްކަމަށްވާ "އޮބްޒާވާ ރިސާޗް ފައުންޑޭޝަން (އޯ.އާރް.އެފް) ގެ ޗެއާމަން އެމްބެސެޑާ އެމް.ކޭ. ރަސްގޮތްރާ އާއި "ރިސާޗް އެންޑް އިންފޯމޭޝަން ސިސްޓަމް ފޯ ޑިވެލޮޕިން ކަންޓްރީޒް" (އާރް.އައި.އެސް) ގެ ޗެއާމަން، އެމްބެސެޑާ ޝާމް ސަރަންއާ ބައްދަލުކުރައްވައި، ރާއްޖޭގެ އެން.ޖީ.އޯ.ތައް ހަރުދަނާކުރުމާގުޅޭ ގޮތުން ހިޔާލުބަދަލުކުރައްވައި މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.