25 May 2017, 11:30
ސައޫދީ އަރަބިއްޔާއިންނާއި ޔުނައިޓަޑް އަރަބް އެމިރޭޓްސް(ޔޫއޭއީ)އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކަދުރު މިއަދުން ފެށިގެން ބަހަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކަދުރު ބަހާނީ ކޮންމެ ގޭބިސީއަކަށް ޕެކެޓެއްގެ މަގުން ކަމަށެވެ.
"ގޭބީސީތަކަށް ކަދުރު ބަހާނީ، އެ ގޭބީސީއެއްގެ ސައްޙަކަން އަންގައިދޭ ލިޔުމެއް ގެންނެވުމުން، އެ ލިޔުމުގެ ސައްޙަކަމަށް ބެލުމަށް ފަހު، ސައްޙަ ލިޔުމަކަށް އެއް ޕަކެޓް ކަދުރެވެ." އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ކުއްޔަށް އުޅޭ ފަރާތްތަކުން ޖެހެނީ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ އެގޭބިސީއެއް ނިސްބަތްވާ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ގޭގެ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ގެންދާށެވެ. އެއާ އެކު ކަދުރާ ހަވާލުވާ މީހާގެ އައިޑީކާޑެވެ.
މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ، ހައުސިން މިނިސްޓްރީ މެދުވެރިކޮށެވެ. ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން މެދުވެރިކޮށެވެ. އަތޮޅުތެރެއަށް ކަދުރު ބަހާނީ، އަތޮޅު ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތައް މެދުވެރިކޮށެވެ.