12 Jul 2011, 19:21
އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ހާއްސަ މަރުކަޒުތައް ގާއިމް ކުރުމަށް ނިންމައި، ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އެމަރްކަޒުތައް ހިންގުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ކެބިނެޓުން މިގޮތަށް ނިންމެވީ، އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ވަކި މަރްކަޒެއް ގާއިމް ކުރުމާ ބެހޭގޮތުން ހެލްތް މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގެ މައްޗަށް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މާލެއަތޮޅު ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒަށް ގެންދެވޭ މީހުންގެ އަދަދު، ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީއާއި އަދި އެތަނުގެ ޖާގަވެސް ކުޑަވުމާއެކު، އުމުރުން ދުވަސްވީ މީހުންނަށް ވަކި ހާއްސަ މަރްކަޒު ހުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް މެންބަރުން ވިދާޅުވި ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރްކަޒަކީ، އުމުރުން ދުވަސްވެފައިވާ މީހުންނާއި، ސިކުނޑީގެ ބަލި މީހުން ތިބޭ މަރްކަޒަކަށްވާތީ، އެއް މަރްކަޒެއްގެ ހިޔާވަހި ކަމުގައި ތަފާތުކަން ބޮޑު ދެބާވަތެއްގެ މީހުން ބެލެހެއްޓުމުގައި، ދަތިތައްވެސް ދިމާވަމުންދާކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާމެދު ބައެއް އާއިލާތަކުން ޒިންމާދާރުކަން ކުޑަކުރަމުންދިޔުން އިތުރުވެފައިވާކަންވެސް މެންބަރުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ދުވަސްވީ މީހުންނަށް ހިދްމަތްދޭނެ ފުރުސަތު، އަމިއްލަ ފަރާތްތަކަށް ހުޅުވާލާއިރު، ހަރުދަނާ ނިޒާމެއް ގާއިމް ކުރެވެންޖެހޭނެ ކަމަށާއި، ދުވަސްވީ މީހުންނަށް ހާއްސަ ކުރެވިގެން ހިދުމަތް ދެވޭނެގޮތް ފަހިކޮށްދިނުމުން، އެގިންތީގެ މީހުންގެ އިންސާނީ ހައްގުތައް ހޯދައިދިނުމަށް ކުރެވޭ މަސައްކަތަކަށް ލިބޭ އިތުރު ކުރިއެރުމަކަށް އެކަން ވެގެންދާނެ ކަމުގައިވެސް މެންބަރުން ވިދާޅުވި އެވެ.