25 May 2017, 10:27
ދުބާއީ (މެއި 24): ދުބާއީގެ މޯލްތަކާއި ފަތުރުވެރިން ޒިޔާރަތް ކުރާ ތަންތަން ޕެޓްރޯލް ކުރުމުގައި ރޮބޮޓް ފުލުހެއް ހަރަކާތްތެރިވާން ފަށައިފި އެވެ.
އެ ރޮބޮޓް މެދުވެރިކޮށް ވައްކަން ފަދަ ކުށްތަކާ ބެހޭ މައުލޫމާތު ޕޮލިސް ސްޓޭޝަންތަކަށް ފޮނުވައި، ޖޫރިމަނާ ދައްކައި، އޭގެ މޭމަތީގައި ހުންނަ ޓަޗްސްކްރީނަކުން ތަފާތު މައުލޫމާތު ހޯދޭނެ އެވެ.
އެރޮބޮޓަށް މިހާރު އަރަބި ބަހާއި އިނގިރޭސި ބަސް އެނގޭ އިރު، ކުރިއަށް އޮތް ތަނުގައި ރަޝިއާ، ޗައިނާ، ފްރާންސް އަދި ސްޕެއިންގެ ބަހުން ރޮބޮޓާ މުއާސަލާތު ކުރެވޭ ގޮތް ހަދާނެ ކަމަށް ދުބާއީން ބުނެ އެވެ.
ދުބާއީ ސަރުކާރުގެ އަމާޒަކީ 2030 އަންނަންވާއިރަށް އެސިޓީގެ ފުލުހުންގެ 25 ޕަސެންޓު ހިއްސާ ކުރާނީ ރޮބޮޓުން ކަމަށް ހެދުމަށް ދުބާއީގެ ސަރުކާރުން ބުނެ އެވެ.
ނަމަވެސް އޭގެ މާނައަކީ އިންސާނުންނަށް އޮތް ވަޒީފާގެ ފުރުސަތުތައް ގެއްލުން ނޫން ކަމަށާއި، އެއީ ދުބާއީގައި ދިރިއުޅޭ މީހުން އިތުރުވަމުން ދިޔުމުން، ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރަން ކުރާ ކަމެއް ކަމަށް ދުބާއީ ޕޮލިސްގެ ސްމާޓް ސާވިސަސްގެ ޑިރެކްޓާ ޖެނެރަލް ބްރިގް ހާލިދު އަލް ރަޒޫގީ ވިދާޅުވި އެވެ.
ސްޕެއިންގެ ޕާލް ރޮބޮޓިކްސް އިން އުފައްދާފައިވާ އެރޮބޮޓް ވަނީ 'ގަލްފް އިންފޮމޭޝަން އެންޑް ސެކިއުރިޓީ އެކްސްޕޯ އެންޑް ކޮންފަރެންސް'ގައި އާދިއްތަ ދުވަހު ދައްކާލާފަ އެވެ.
އަދި ފަންޑިން އޮތް ގޮތަކުން އަންނަ އަހަރު އަނެއްކާ ވެސް ފުލުހުންގެ ޑިއުޓީއަށް ރޮބޮޓެއް ނެރޭނެ ކަމަށް ދުބާއީން ބުންޏެވެ. (ބީބީސީ)