25 May 2017, 02:14
އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ޔޫއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައި، އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދައިފި އެވެ.
ސްވިޑަންގެ ފްރެންޑްސް އެރީނާގައި ކުޅުނު ޔޫރޮޕާ ލީގުގެ ފައިނަލުގައި ނެދަލެންޑްސްގެ އަޔެކްސްގެ މައްޗަށް ޔުނައިޓެޑް ކުރި ހޯދީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ވަނާގައި ޔުނައިޓެޑް ނިންމާލި ނަމަވެސް، ޔޫރޮޕާ ލީގު ކާމިޔާބުކުރުމުން އެ ކްލަބަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނެއެވެ.

ޔޫރޮޕާ ލީގުގެ ފައިނަލުގައި ޔުނައިޓެޑާއި އަޔެކްސް ބައްދަލުކުރި މެޗުގެ ތެރެއިން: ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދުމުން ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ލިބޭނެ --- ފޮޓޯ/ އޭޕީ
މިރޭ ކުޅުނު މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 18 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލީޑު ހޯދައިފައެވެ. މާރުއާން ފެލައިނީ ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް މިޑްފީލްޑަރު އަދި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕައުލް ޕޮގްބާއެވެ.
ޔުނައިޓެޑްގެ އެ ލަނޑަށްފަހު އަޔެކްސްއިން ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން އަޔެކްސްގެ ބާޓްރަންޑް ޓްރައޯރޭގެ މަސައްކަތް ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

ޔޫރޮޕާ ލީގުގެ ފައިނަލުގައި ޔުނައިޓެޑާއި އަޔެކްސް ބައްދަލުކުރި މެޗުގެ ތެރެއިން: ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދުމުން ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ލިބޭނެ --- ފޮޓޯ/ އޭޕީ
މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓްފަހުން ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ކްރިސް ސްމޯލިން ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އަރްމޭނިއާ މިޑްފީލްޑަރު ހެންރިކް މިކިތާރިޔަންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޔުނައިޓެޑްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.
އަޔެކްސްއިން މެޗުގައި ލަނޑެއް ޖެހުމަށް މަސައްކަތްކުރިއިރު، ޔުނައިޓެޑުން ވެސް އިތުރަށް ލީޑު ފުޅާކޮށްލުމަށް ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ޕޮގްބާ ނަގައިދިން ހުރަހަކުން ފެލައިނީ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ.
ޔޫރޮޕާ ލީގުގެ ތަށްޓަކީ މިސީޒަނުގައި ޔުނައިޓެޑުން ހޯދި ދެވަނަ ތަށްޓެވެ. ޔުނައިޓެޑުން ވަނީ މިސީޒަނުގެ އިނގިރޭސި ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ.