މިދިޔަ އާދިއްތަ ދުވަހުގެރޭ އިންޑިއާ އާ ދެކޮޅަށް ދިވެހި ޓީމް ކުޅުނު މެޗްގައި ނުވަ ނަމްބަރު ޖާޒީ ނުދިނުމުން އަމިއްލައަށް ޓީމު ދޫކޮށްލި ފޯވާޑް އައްސަދު އަލީ (އަޑުބަރޭ) އެއްވެސް ޝަރުތަކާ ނުލާ އަލުން ޓީމާ ގުޅިއްޖެ އެވެ.

އަޑުބަރޭ ޓީމުން ބާކީ ކުރީ މެޗް ކުޅެން އެއް ދުވަހަށް ވެފައި ވަނިކޮށް، ޖާޒީ ނަންބަރު ކަނޑައެޅި ގޮތާ މެދު ހިތްހަމަނުޖެހިގެން އެރޭ އޮތް ޕްރެކްޓިހަށް އޭނާ ހާޒިރު ނުވުމުން ނެވެ. އަޑުބަރޭ ހިތްހަމަނުޖެހުނީ އޭނާ ބޭނުންވި ނުވަ ނަމްބަރު ޖާޒީ ފޯވަޑް އަހުމަދު ތޯރިގު (ޓޮމް) އަށް ދިނުމުން ނެވެ. އަދި އިންޑިއާ މެޗަށްފަހު އަޑޭ ވަނީ ޓީމްގެ މެނޭޖަރު އަލީ ވަހީދު އަށް ފާޑުކިޔާ މީޑިއާގައި ވާހަކަ ދައްކާފަ އެވެ.

އެފްއޭއެމް ހައުސްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޤައުމީ ޓީމްގެ މެނޭޖަރު ބަލަކް ވިދާޅުވީ، ޖާޒީގެ މައްސަލާގައި އަޑޭ އެއްވެސް ސަރުތަކާ ނުލައި މައާފަށް އެދުމުން އަޑޭއަށް މިއަދު އެފްއޭއެމްގެ ރައީސް އަލީ އާޒިމް މާފްކޮށްދެއްވައި ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އަދި ޓީމްގެ ކޯޗް ޑިއޭގޯ ކްރިސިއާނީވެސް އާޑޭ މައާފަށް އެދުމުން އޭނާ އަށް މާފްކޮށް، ޓީމުގެ ޕްރެކްޓިހަށް ނުކުތުމުގެ ހުއްދަ ދީފައިވާ ކަމަށް ބަލަކް ވިދާޅުވި އެވެ.

ސިޔާސީ ކަންކަމުގައިވެސް އަޑޭއާއި އެކު ފެންނަ ބަލަކް ވިދާޅުވީ ޝަރުތެއް ނެތި އަޑުބަރޭ އެނބުރި ގައުމީ ޓީމަށް އައުމުން އޭނާ އަށް މަރުހަބާ ކިޔައި ޝުކުރުވެރިވާ ކަމަށާއި ކުޅުންތެރިޔަކު ވަކި ޖާޒީ ނަމްބަރެއް ބޭނުންވުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"އަޑޭ އަލުން ޓީމާ ގުޅުމުން އަހަރެން މަރުހަބާ ކިޔަން. މިމައްސަލައަކީ ކުރިން ވެސް ހައްލުކުރެވޭނެ މައްސަލައެއް. ވާހަކަ ދައްކައިގެން ކުރިން ވެސް ހައްލުކުރެވުނީސް. މިމައްސަލަ ކުރިން ހައްލު ކުރެވޭ ތޯ ދެކުޅުން ތެރިންނާ ވެސް ވާހަކަ ދެއްކީން. އަޅުގަނޑު ބުނިން 99 ޖާޒީ ވެސް ދީފާނަމަ. އަޅުގަނޑު ދެކޭ ގޮތުގައި ދެކުޅުން ތެރިން އެއް ނަންބަރު ބޭނުން ކުރުމަކީ މާބޮޑު މައްސަލަ އެއް ނޫން،" ބަލަކް ވިދާޅުވި އެވެ.

ބަލަކް ވިދާޅުވީ އަޑޭގެ މައްސަލަ މިހާރު އެފްއޭއެމްގެ ޑިސިޕްލިން ކޮމެޓީއަށް ހުށަހަޅާފައިވާނެ ކަމަށާއި، އެހެން ނަމަވެސް މީގެ ކުރިން އަޑޭ މީޑިއާގައި ދައްކާފައިވާ ވާހަކަ ތަކާއި އިންޓަވިއު ތަކަށް އެއްވެސް ވަރެއްގެ ހިތްބަރު ކަމެއް ނެތް ކަމަށެވެ.

ނުވަ ނަންބަރު ދިނުމުން ނޫނީ ދެން ޤައުމީ ޓީމަށް ނުކުޅޭނެ ކަމަށް ކުރިން ބުނި ފޯވާޑް އަޑޭ ބުނީ، މިއަދުން ފެށިގެން ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށާއި ބޭނުން ވަނީ ޖާޒީ ނަންބަރަށް ވުރެ ވެސް، ގައުމަށް ހިދުމަތްކޮށް ދިނުމަށް ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތްތާގައި ނުވަ ނަންބަރު ޖާޒީ ލިބުން ވަރަށް ކާރި ކަމަށްވެސް މިއަދުގެ ނިއުސް ކޮންފަރެސްގައި އަޑޭ ބުންޏެވެ.

" ނުވަ ނަމްބަރުގެ މައްސަލައިގައި ޓޮމްއާ އެކު މިހާރު އެއްބަސްވުމަކަށް އާދެވިފައިވަނީ. އުންމީދު ކުރަނީ ނުވަ ނަންބަރު ލިބޭނެ ކަމަށް." މެނޭޖަރު ބަލަކްގެ އިތުރުން މިއަދުގެ ނިއުސް ކޮންފަރެސްގައި ބައިވެރިވި އަޑުބަރޭ ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރުގައި މި މަހުގެ 23 ވަނަ ދުވަހާއި 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ރާއްޖެ ކުޅެން ޖެހޭ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ ވަނީ އިންޑިއާގެ ޤައުމީ ޓީމާއެކު މިދިޔަ އާދިއްތަ ދުވަހުގެރޭ މާލޭގައި މެޗެއް ކުޅެފަ އެވެ. އެމެޗް ނިމުނީ ދެޓީމް ވެސް 1-1 ލަނޑުން އެއްވަރުވެގެންނެވެ.

އިރާނާ ދެކޮޅަށް ރާއްޖެ ކުޅެންޖެހޭ މެޗަށް ތައްޔާރުވުމުގެ ގޮތުން މީގެ ކުރިންވެސް ރާއްޖެ ވަނީ ސިންގަޕޫރާ އެކު ރަހުމަތްތެރި ކަމުގެ މެޗެއް ކުޅެފަ އެވެ. އެމެޗުން ރާއްޖެ ބަލިވީ 4-0 ލަނޑުންނެވެ.

އިރާނާ ދެކޮޅަށް ރާއްޖެ ކުޅެންޖެހޭ މެޗަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، އަންނަ އާދިއްތަ ދުވަހު ޓީމް އިރާނަށް ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.