24 May 2017, 20:01
ޗައިނާގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަޝްހޫރު ކެއްކުމުގެ މުބާރާތެއް ކަމަށްވާ "ޔިޔިން ކަޕް"ގައި ބައިވެރިވި ރާއްޖޭގެ ކެއްކުންތެރިންގެ ޓީމަށް "ގޯލްޑް އެވޯޑް" ލިބިއްޖެއެވެ.
"ޔިޔިން ކަޕް"އަކީ ޗައިނާގެ ގަދީމީ ތާރީހުގައި މަޝްހޫރު ކެއްކުންތެރިއެއް ކަމަށްވާ ޔިޔިންއަށް ނިސްބަތްކޮށް 2001 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކެއްކުމުގެ މުބާރާތެކެވެ.
"ދަ ބެލްޓް އެންޑް ރޯޑް ގެސްޓްރޯ ޑިޕްލޮމެސީ ޔީޔިން ކަޕް"ގެ ނަމުގައި މިއަހަރު ބޭއްވި އެ މުބާރާތުގައި ރާއްޖޭގެ ފަރާތުން ވަނީ ދެ ކެޓަގަރީއެއްގައި ތިން ކެއްކުންތެރިން ވާދަކޮށް، ދިވެހި ރަހަތައް ތަމްސީލް ކޮށްފައެވެ.
އެގޮތުން "ޕްރޮފެޝަނަލް އިންޑިވިޖުއަލް ކެޓަގަރީ"ގައި ވާދަ ކުރީ ހުޅުލޭ އައިލެންޑް ހޮޓަލުގެ ދެ ޝެފުން ކަމަށްވާ އިބްރާހިމް ނައީމައި މުހައްމަދު ނިޔާޒެވެ. އަދި "އެންބަސީ ކެޓަގަރީ"ގައި ވާދަ ކުރެއްވީ ބެއިޖިންގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ފައިސަލްގެ އަނބިކަނބަލުން ފާތިމަތު ޖީހާން ސަލީމެވެ.
ދެ ބަޔަކަށް ބަހާލައިގެން ބޭއްވި އެ މުބާރާތުގެ ދެ ބައިންވެސް ރާއްޖޭގެ ކެއްކުންތެރިންނަށް، 90 ޕަސެންޓް އަށްވުރެ މަތިން މާކްސް ލިބި ވަނީ "ގޯލްޑް އެވޯޑް" ލިބިފައެވެ.
ދުނިޔޭގެ 35 ގައުމަކުން 200 އަށްވުރެ ގިނަ ކެއްކުންތެރިން ބައިވެރިވި މިއަހަރުގެ ކެއްކުމުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ބައިޖިންގައި ހުންނަ ޗައިނާގެ އޮލިމްޕިކް ސްޓޭޑިއަމްގަ އެވެ. އެ ރަސްމިއްޔާތުގައި އެކިއެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ތައްޓާއި އިނާމް ހަވާލުކޮށް ދިނީ ޗައިނާގެ މަޝްހޫރު ޝެފުންނެވެ.
ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނީ، މިއީ ޗައިނާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރިތާ މިއަހަރު 45 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެމްބަސީން ޗައިނާގެ ރައްޔިތުންނަށް ރާއްޖޭގެ ކަންކަން ދައްކުވައިދީ އެކިއެކި ރޮނގުރޮނގުން ރާއްޖެ ޕްރޮމޯޓް ކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން ދިވެހި ކެއްކުންތެރިންނަށް ހޯދައިދިން ފުރުސަތެއް ކަމަށެވެ.