24 May 2017, 20:43
ފާއިތުވި ތިން ދުވަހު ކޯސްޓްގާޑަށް ލިބިފައިވާ ކަނޑުމަތީގެ ހާދިސާތައް މަދުވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، ކަނޑުމަތީގައި ހިނގާ ހާދިސާތައް މަދުވަނީ ކޯސްޓްގާޑުން ދީފައިވާ އިރުޝާދާ އެއްގޮތަށް ދަތުރުވެރިން މަސައްކަތްކުރުމުން ކަމަށާއި އެކަމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
އަދި މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށްވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދީ، ރޯދަ މަހު ދަތުރުތައް ރޭވުމުގައި މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.
އެގޮތުން، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބައްލައިގެން ދަތުރުކުރެއްވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކްކޮށް އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރު ނުކުރުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.
މާދަމާ ހެނދުނު 10:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތް:
ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ
- ގުގުރުން ވެސް އެކަށީގެންވޭ
- ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި
- އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ
- ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވޭ
- ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ
ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނެންބަރު 191 އަށް ގުޅުމަށް އެމްއެންޑީއެފުން އެދެއެވެ.