ސިފައިންގެ ތެރޭގައި މިއުޒިކާއި މުނިފޫހިފިލުވުމުގެ ދާއިރާއިން ކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަގަކޮށް ނިޝާން އަސްކަރީ ވެރިޔާ، މޭޖާ ޖެނެރަލް ރިޓަޔާޑް މުހައްމަދު ޒާހިރަށް ޝަރަފުގެ އައްޑަނައެއް އަރުވައިފި އެވެ.

ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ވޮއިސް އޮފް އެމްއެންޑީއެފްގެ ގްރޭންޑް ފިނާލޭ ޝޯގައި މުހައްމަދު ޒާހިރަށް ސިފައިންގެ ފަރާތުން އެ ޝަރަފުގެ އައްޑަނަ އެރުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރު ޖެނެރަލް އަހުމަދު ޝިޔާމެވެ.

އެމްއެންޑީއެފުން ބުނީ، މުހައްމަދު ޒާހިރުއަށް އެ ޝަރަފުގެ އައްޑަނަ އަރުވާފައި ވަނީ ލަވަކިޔުމާއި މިއުޒިކާއި މުނިފޫހިފިލުވުމުގެ ދާއިރާއިން ދިވެހި އަސްކަރިއްޔާ އާއި ދިވެހި ސިފައިންގެ ކުރިއެރުމާއި ތަރައްގީއަށް ކޮށްދެއްވާފައިވާ އަގުހުރި އަދި އިހްލާސްތެރި ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

މުހައްމަދު ޒާހިރަކީ ސިފައިންގެ ފެންވަރުގައާއި ގައުމީ ފެންވަރުގައި ތަފާތު ރަސްމިއްޔާތުތަކުގައި ސިފައިން ތަމްސީލު ކުރަން ޖެހުނު އެތަކެއް މިއުޒިކް ޝޯތަކާއި ސްޓޭޖް ހަރަކާތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދަވާފައިވާ ބޭފުޅެކެވެ.

އެގޮތުން، ބޭއްވި ބޮޑެތި މުނާސަބަތުތަކުގައި މިއުޒިކް ކަންތައް ކުރިއަށްގެންދާނެ ގޮތްތައް ރާވާ ހިންގުމުގައި އޯޑިއަންސް ބަލައިގަންނާނެ ރަނގަޅު ގޮތްތަކަށް ޝޯތައް ފަރުމާކޮށް، ލަފާދެއްވުމާއި އެފަދަ ޝޯތަކުގެ ރިހާސަލްތަކަށް ހާއްސަ ސަމާލު ކަމެއް ދެއްވުމުގެ އިތުރުން ދިވެހި ސަގާފަތް ދިރުވާ އާލާކުރުމަށް ދިވެހި އަސްކަރިއްޔާގައި ތަފާތު ގިނަ މަސައްކަތްތަކެއް މުހައްމަދު ޒާހިރު ވަނީ ކުރައްވާފައެވެ.