12 Jul 2011, 17:21
މަޖިލީހުގެ ޖަލްސާތައް ހުއްޓުވާ މައްސަލަ ހައްލުކުރަން އެމްޑީޕީގެ ހުރިހާ ދާއިރާތަކުން މެންބަރުން މާލެ އައިސް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް ކަނޑައަޅާފައިވާ ގަރާރެއް މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއިން ފާސްކޮށްފި އެވެ.
ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ހުށަހެޅުއްވި އެ ގަރާރު ފާސްކުރީ އެ ޖަލްސާގައި ތިއްބެވި 60 މެމްބަރުންގެ ތެރެއިން 58 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ދެބޭފުޅުން ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
އެގަރާރުގައި ބުނަނީ "އެމްޑީޕީ އިސް ނެގުމަށް ރާއްޖޭގެ ރައްޔިތުން ނިކުމެ މުޒާހަރާކޮށް ރާއްޖޭގެ ޤާނޫނު އަސާސީ އިސްލާހުކޮށް، ޑިމޮކްރެޓިކް ވެރިކަމެއް ގާއިމްކުރުމުން، ރާއްޖޭގެ ރައްޔިތުން ޤާނޫނު އަސާސީގައި ތިން ބާރު ވަކިކޮށް ބާރުތައް ވަކިވެގެންވާ ސިޔާސީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބައްޓަންކޮށް ހެޔޮވެރިކަމެއް ހިންގަމުން ދަނިކޮށް، ރާއްޖޭގެ ތިން ބާރުގެ ތެރެއިން އެއްބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީސް މައުމޫނަށް ތާއީދުކުރާ މަދު މެންބަރުން ކޮޅެއް ހައިޖެކްކޮށް އެ މުއައްސަސާ ހިންގިއަށް ނުދީ ހުއްޓާލައި ރާއްޖޭގެ ރައްޔިތުންނަށް ގޮންޖަހަމުންދާތީ އެމްޑީޕީއަކީ މިއަނިޔާވެރި ހުދުމުހުތާރު މައުމޫންގެ ވަކިތަކުން ރާއްޖެ ސަލާމަތް ކޮށްދޭން ކެރިގެން މަސައްކަތް ކުރާ ސިޔާސީ ޕާޓީއަކަށް ވީހިނދު ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ހައިޖެކްކޮށްގެން މައުމޫން ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޖަރީމާއާ ދެކޮޅަށް ޕާޓީގެ ހުރިހާ ދާއިރާއަކުން މާލެ އައިސް މިކަން ހައްލުކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް އެމްޑީޕީގެ 92 ގައުމީ މަޖިލީހުން އިގުރާރު ވާ" ކަމަށެވެ.