24 May 2017, 15:53
ދަރިފުޅާ ބެހުނު ކަން ސާބިތުވާ ކަމަށް ނިންމައި އެކުއްޖާގެ ބައްޕަ 24 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައިކޯޓުން އިއްޔެ ބާތިލު ކޮށްފި އެވެ.
އެމީހާއަކީ ށ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. އެ މީހާ ޖަލަށްލާން ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރު އެ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓަކުންނެވެ.
އެމީހާ ޖަލަށްލާން ހުކުމް ކުރީ، 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އެކި ދުވަސްމަތިން އެ މީހާގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި އެރަށު މެޖިސްޓްރޭޓް ކޯޓުންނެވެ.
އެ ކުއްޖާއަކީ ސިކުނޑީގައި އުނިކަމެއް ހުންނަ ކުއްޖެއް ކަމަށް ޑޮކްޓަރުގެ ރިޕޯޓުގައިވެ އެވެ. އަދި އެކުއްޖާގެ އުމުރަކީ 16 އަހަރު ކަމުގައިވިޔަސް އެކުއްޖާގެ ހުންނަނީ އަށް އަހަރުގެ ކުއްޖެއްގެ ވިސްނުން ކަމަށް އެ ރިޕޯޓުގައިވެ އެވެ.
ހައިކޯޓުން ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފައިވަނީ، އެމީހާއާ ދެކޮޅަށް ހެކި ދީފައިވާ ހެއްކަކީ ހަމައެކަނި އެ ކުއްޖާ ކިޔައިދީފައިވާ ކިޔައި ދިނުންތަކެއްގެ މައްޗަށްކަން އެނގޭތީ، އެކުއްޖާގެ ސިކުނޑީގެ ހާލަތަށް ބަލައި، ހަމައެކަނި އެކުއްޖާގެ ބަހަށް ކުށް ސާބިތު ކުރުމަކީ ރައްކާތެރި ނޫން ކަމެއް ކަމުގައި ބުނެ އެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އެމީހާއާ ދެކޮޅަށް ހުރި ހެކިތަކަކީ، އެ ކުއްޖާ ތަހުގީގަށް ކިޔައިދިން ދިނުމާއި، އެ ކުއްޖާގެ މަންމަގެ އިތުރުން އެ ރަށުގެ އިތުރު މީހެއްގެ ހެކިބަސް ކަމަށެވެ. އަދި އެ ދެ މީހުންގެ ހެކިބަހުގައިވެސް އެ މީހާ އޭނާގެ ދަރިފުޅާ ބެހުނު ވާހަކަ އެ ކުއްޖާ ބުނި ކަމަށް ބުނެފައި ނުވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.
ހައިކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަނޑައަޅާފައިވަނީ، ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށް ބުނެ އެވެ.