24 May 2017, 15:23
ދުބާއީގެ ގައުމީ އެއާލައިން، އެމިރޭޓްސްއިން ރާއްޖެ އަށް ދަތުރުކުރާތާ 30 އަހަރު ފުރިއްޖެ އެވެ.
މި މުނާސަބާ ފާހަގަކުރުމަށް މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެގޮތުން، މިއަދު ހެނދުނު 7:30 އެހާކަންހާއިރު ދުބާއީ އިން ރާއްޖެ އައި އެމިރޭޓްސްގެ ފްލައިޓަކަށް ވެލާނާ އެއާޕޯޓުން ވަނީ ވޯޓާ ސެލިއުޓެއް އަރުވައިފަ އެވެ.
މީގެ އިތުރުން، މުނާސަބާ ފާހަގަކުރުމަށް ޚާއްސަ ކޭކެއް ވެސް ވަނީ ފަޅައިފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެލާނާ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެމިރޭޓްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ވެލާނާ އެއާޕޯޓު ތަރައްގީކޮށް ކުރިއެރުވުމަށް ވެސް ބޮޑު ދައުރެއް އަދާކޮށްފައިވާ އެއާލައިނެއް ކަމަށެވެ.
އެމިރޭޓްސް އިން 1987 ވަނަ އަހަރު ރާއްޖެއަށް ދަތުރުކުރަން ފެށީ ބޮއިންގް 727 މަރުކާގެ ބޯޓެއްގަ އެވެ. ނަމަވެސް މިހާރު އެމިރޭޓްސް އިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިންގް 777 މަރުކާގެ ބޯޓުތަކުގަ އެވެ.