12 Jul 2011, 17:41
ޓެލެވިޒަން މޯލްޑިވްސް ]ޓީވީއެމް[ އަދި ދިވެހިރާއްޖޭގެ އަޑު މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން ]އެމްބީސީ[ އާ ހަވާލު ކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
ހައިކޯޓުގެ އިސްފަނޑިޔާރު އަހުމަދު ޝަރީފް ސޮއިކުރައްވައި މިއަދު ނެރުއްވާފައިވާ އަމުރުގައި ވަނީ، "ހައިކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ ހައިކޯޓުން ވަކި ގޮތަކަކަށް އަންގަންދެން" ސިވިލް ކޯޓުން މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހު ކުރައްވާފައިވާ ހުކުމް ތަންފީޒުނުކޮށް ފަސްކުރަން އަންގައިފަ އެވެ.
އަދި އެގޮތަށް އަމުރުކޮށްފައިވަނީ، ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެއްދެއްވުމަށް ]އެމްއެންބީީސީ[ން އެދިފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުއީ އަދި ގާނޫނީ ނަޒަރަކުން ވިސްނާބެލިއިރު، ހައިކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ހުކުމް ތަންފީޒުނުކޮށް ފަސްކުރަން ޖެހޭ ކަމަށް އެކޯޓުގެ ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވާތީ ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ.
ދައުލަތުގެ މީޑިއާ، ޓެލެވިޒަން މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑު ހިންގުމުގެ މަސްއޫލިއްޔަތު ގާނޫނީ ގޮތުން ހަވާލުކޮށްފައިވާ އެމްބީސީން އެދެތަން ހޯދުމަށް ސިވިލް ކޯޓުގައި ދައުވާކުރުމުން އެ ކޯޓުގެ ގާޒީ، އައިޝާ ސުޖޫން މައްސަލަ ބެއްލެވުމަށްފަހު ހުކުމްކޮށްފައިވަނީ، ދެ ތަނުގެ މުދަލާއި މުވައްޒަފުން 20 ދުވަހުގެ ތެރޭ އެމްބީސީއާ ހަވާލުކުރުމަށެވެ.
ނަމަވެސް، އެ މިނިވަން މުއައްސަސާގައި "ސިޔާސީ" ކުލަ ޖެހިފައިވާ ކަމަށް ބުނެ އެދެތަން ހަވާލުކުރުމަށް ސަރުކާރުން ދެކޮޅު ހަދައި، އެ މައްސަލަ އިސްތިއުނާފްކުރީ އެވެ. އަދި މިހާރު ސަރުކާރުން 100 ޕަސަންޓް ހިއްސާވާ ވިޔަފާރި ކުންފުންޏެއްގެ ދަށުން ހިންގާ ދައުލަތުގެ މީޑިއާ އެމްބީސީއާ ހަވާކުރާނީ ޝަރުއީ ހުރިހާ މަރުހަލާއެއް ކަޑައްތު ކުރުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ދައުލަތުގެ މީޑިއާ ސަރުކާރުން އެމްބީސީއަށް ދިނުމަށް ދެކޮޅު ހަދަމުންދާ މައްސަލައިގައި ސިޔާސީ ޕާޓީތަކުންނާއި ބޭރުގެ ބައެއް ފަރާތްތަކުގެ އިތުރުން މިނިވަން މުއައްސަސާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެފަރާތްތަކުން ވަނީ ސިވިލް ކޯޓުން އެމްބީސީއާ އެއްކޮޅަށް ކުރި ހުކުމަށް މަރުހަބާ ކިޔައިފަ އެވެ.