ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ނިންމައި، ހަތަރު ޕާޓީއެއްގެ ނަން ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ސަން އަށް ވިދާޅުވީ، ގާނޫނުގައި ބުނެފައިވާ ޝަރުތުތައް ހަމަވާ ހަތަރު ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރަން ފިނޭންސަށް ފޮނުވަން މިއަދު ނިންމާފައިވާ ކަމަށެވެ.

ފައިސާ ދޫކުރާ ޕާޓީތަކަކީ ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އެވެ.

ވަކިވަކި ޕާޓީތަކަށް ދޫކުރާ ފައިސާގެ ތަފްސީލް އަދި ހާމައެއް ނުކުރެއެވެ.

މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ތިރީސް ފަސް މިލިއަން ތިން ލައްކަ ހަތްސަތޭކަ ތޭވީސް ރުފިޔާ ދޫކުރަން ވަނީ ނިންމާފައެވެ.