24 May 2017, 11:35
ރެއާލް މެޑްރިގެ ކޯޗު ޒައިނުއްދީން ޒިދާނަކީ، ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ ގޮތުގައި، އެ ކްލަބުގެ ޕްރެޒިޑެންޓް ފްލޮރެންޓިނޯ ޕެރޭޒް ސިފަކުރައްވައިފިއެވެ.
ހޯސޭ މޮރީނިއޯއާއި ކާލޯ އެންޗެލޮޓީ ފަދަ ނަން މަޝްހޫރު ކޯޗުންނާ އެކު މަސައްކަތްކޮށްފައިވާ، ރެއާލްގެ ޕްރެޒިޑެންޓް ގަބޫލުކުރައްވާ ގޮތުގައި މިވަގުތު ދުނިޔޭގެ އެންމެ މޮޅު ކޯޗަކީ ޒިދާނެވެ.
ޒިދާން ވަނީ، ފަސް އަހަރުގެ ދިގު މުއްދަތަކަށް ފަހު، ސްޕެއިންގެ ވެރިރަށް މެޑްރިޑަށް ފުރަތަމަ ފަހަރަށް ލަލީގާ ޓްރޮފީ ގެނެސްދީފައެވެ. މީގެ އިތުރުން ފްރާންސްގެ ލެޖެންޑް މިހާރު ތައްޔާރުވަމުން ދަނީ، ޗެމްޕިއަންސް ލީގުގެ ޓްރޮފީ ދިފާއުކުރާ ފުރަތަމަ ކޯޗުގެ ޝަރަފުވެސް ހޯދުމަށެވެ.
ޖޫން މަހުގެ ތިންވަނަ ދުވަހު ކުޅޭ ޔުއެފާ ޗެމްޕިއަންސް ލީގު ފައިނަލްގައި ޒިދާންގެ ރެއާލް ނުކުންނާނީ އިޓަލީގެ ޗެމްޕިއަންސް ޔުވެންޓަސްއާ ދެކޮޅަށެވެ.
ކާޑިފްގައި ކުޅޭ ފައިނަލް މެޗުން ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް، ރެއާލްގެ ޕްރެޒިޑެންޓް ޕެރޭޒް ގަބޫލުކުރައްވާ ގޮތުގައި، ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ ޒިދާންވަނީ، މޮޅު ފުޓްބޯޅަ ކުޅުންތެރިއެއްގެ އިތުރުން ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ލީސްޓުންވެސް ޖާގަ ހޯދައިފައެވެ.
ރެއާލުން މި ސީޒަންގެ ލަ ލީގާ ޓްރޮފީ އުފުލައިލުގެ އުފަލުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން، ޒިދާނަށް ޝުކުރު އަދާކޮށް ޕެރޭޒް ވިދާޅުވީ،" ތިޔައީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރީންގެ ތެރޭގައި ހިމެނުނު ކުޅުންތެރިއެއް. އަދި މިހާރު ތިޔައީ ދުނިޔޭގެ އެންމެ މޮޅު ކޯޗު،" ކަމަށެވެ.
ޕެރޭޒް ވިދާޅުވީ، މިސީޒަންގައި ރެއާލް ކުޅުނު ކޮންމެ މެޗެއްގައި ލަނޑު ޖަހާފައި ވުމާއި، ޓީމުން ދައްކަމުން ދިޔަ މޮޅު ކުޅުމަކީ، ޒިދާނާއި، އޭނާގެ އެސިސްޓެންޓުންނާއި އަދި ކުޅުންތެރީންގެ ފަރާތުން ރެއާލްގެ ހަގީގީ ފަލްސަފާ ދައްކުވައިދިން ކަމުގެ ހެއްކެއް ކަމަށެވެ.
"މި ލީގު ތަށްޓަކީ އަހަރެމެންގެ އަގު އަންގައިދޭ ނިޝާނެއް. މި ޓްރޮފީ ލިބުނީ، އަހަރެމެންގެ ވާދަވެރީންނަށް އިހްތިރާމުކުރާ ހާލު އެންމެ ފަހު މެޗާ ހަމައަށް ވެސް ފައިޓްކޮށްގެން،" ލަ ލީގާ ޓްރޮފީއަކީ އެތަކެއް ދުވަސްތަކެއް ވަންދެން ކްލަބުގެ މެނެޖްމަންޓާއި ސަޕޯޓަރުން އެ ޝަރަފަކަށްޓަކައި ފެންބޮވައިގެންފައި ތިއްބާ ލިބުނު ޓްރޮފީއެއްގެ ގޮތުގައި ސިފަކުރައްވަމުން ޕެރޭޒް ވިދާޅުވިއެވެ.
މިފަހަރުގެ ލީގު ޓައިޓްލް ރެއާލުން ހޯދާފައި ވަނީ، ދެގޮތެއް ނުވާ ވާދަވެރިޔާ، ބާސެލޯނާއަށް ވުރެ އިތުރަށް 3 ޕޮއިންޓު ހޯދައި، އިދިކޮޅު ގޯލުތަކަށް 106 ލަނޑު ކާމިޔާބުކޮށް، ކުޅުނު 38 މެޗުގެ ތެރޭން 29 މެޗުން މޮޅުވެގެންނެވެ. ރެއާލް ބަލިވީ އެންމެ ތިން ފަހަރުއެވެ.