މެނީލާ (މެއި 23): ފިލިޕީންސްގެ މިންޑަނާއޯގައި އައިއެސްގެ ހަނގުރާމަވެރިންނާއި އަސްކަރިއްޔާއާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެރަށުގައި އަސްކަރީ ގާނޫނު ހިންގަން ގައުމުގެ ރައީސް ނިންމަވައިފި އެވެ.

އަމިއްލަ ވެރިކަމެއް ގާއިމު ކުރަން މަސައްކަތް ކުރާ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ މިންޑަނާއޯގައި ހިނގި ހަމަނުޖެހުންތަކުގައި ތިން ސިފައިން މަރުވި ކަމަށް އޮފިޝަލުން ބުންޏެވެ. އަދި އެހަމަނުޖެހުންތައް ފެށުނީ އައިއެސްއަށް ތާއިދު ކުރާ ކަމަށް ބުނި ހަނގުރާމަވެރި ލީޑަރަކު ހޯދުމުގެ މަސައްކަތް ގައުމުގެ އަސްކަރިއްޔާއިން ފެށުމުން ކަމަށް އޮފިޝަލުން ބުންޏެވެ.

މިންޑަނާއޯގައި އަސްކަރީ ގާނޫނު ހިންގަން ރައީސް ރޮޑްރީގޯ ޑުޓާޓޭ އިއުލާން ކުރެއްވީ ރަޝިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އެގައުމުގައި ހުންނަވައިގެންނެވެ. އޭގެ ފަހުން ރައީސް ޑުޓާޓޭ ވަނީ އެދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު އަނބުރާ ގައުމަށް ވަޑައިގެންފަ އެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންއާ ވާހަކަދައްކަވަމުން ރައީސް ޑުޓާޓޭ ވަނީ އައިއެސް ހަނގުރާމަވެރިންނާއި އެހެނިހެން ހަނގުރާމަވެރި ޖަމާއަތްތަކާ ހަނގުރާމަ ކުރަން ޒަމާނީ ހަތިޔާރު ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

ފިލިޕީންސުގެ ގާނޫނު އަސާސީގައިވާ ގޮތުން އެ ގައުމުގެ ރައީސަކަށް އަސްކަރީ ގާނޫނު ހިންގޭނީ ގިނަ ވެގެން 60 ދުވަހަށެވެ. އެއީ ގައުމު އިސްތިއުމާރު ކުރުމަށް ބޭރުގެ ބާރެއް އަރައިގެންފި ހިނދެއްގައި އާއި ބަޣާވާތެއްގެ ހާލަތުގަ އެވެ. އަދި އަސްކަރީ ގާނޫނު ހިންގަން ފެށިތާ 48 ގަޑިއިރު ތެރޭގައި އާއްމު ހާލަތަށް ގައުމު ބަދަލު ކުރުމުގެ ބާރު ގާނޫނު ހަދާ މަޖިލީހަށް ލިބިގެންވާ އިރު، އެނިންމުމުގެ ސައްހަކަން ސުޕްރީމް ކޯޓަށް މުރާޖައާ ކުރެވޭނެ އެވެ.

މީގެ އިތުރުން، ގައުމުގައި އަސްކަރީ ގާނޫނު ހިންގައިފި ނަމަ، އަސްކަރިއްޔާ ލައްވައި މަދަނީ ގާނޫނުތައް ތަންފީޒު ކުރުމަށާއި އެއްވެސް ދައުވާއަކާ ނުލައި ދިގު މުއްދަތަކަށް މީހުން ހައްޔަރު ކޮށްފައި ބޭތިއްބުމުގެ ބާރު ރައީސަށް ލިބިގެންދާނެ ކަމަށް ގާނޫނު އަސާސީގައިވެ އެވެ. (ބީބީސީ)