ކާބުލް : އަފްޣާނިސްތާނުގެ ކަންދަހާރުގެ ޕްރޮވިންޝަލް ކައުންސިލްގެ ރައީސް އަދި އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއިގެ އެއްބަފާ ކޮށްކޯފުޅު އަޙްމަދު ވާލީ ކަރުޒާއި އަވަހާރަ ކޮށްލައިފިއެވެ.

އަފްޣާން ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނިގޮތުގައި އަޙްމަދު އަވަހާރަކޮށްލާފައިވަނީ ބަޑިން ދިން ޙަމަލާއެއްގައި އޭނާގެ ގޭގައެވެ. އަފްޣާން ދާޚިލީ ވުޒާރާގެ ޓެރަރިޒަމާއިދިކޮޅު ޔުނިޓްގެ ވެރިޔާ ތަންކޮޅެއްކުރިންވަނީ އަޙްމަދު ވާލީ ކަރުޒާއި އަވަހާރަ ކޮށްލީ އޭނާގެ ބޮޑީ ގާޑުން ދިން ބަޑީގެ ޙަމަލާއެއްގައި ކަން ކަށަވަރުކޮށްދެއްވާފައެވެ.

އަފްޣާނިސްތާނުގެ ރައީސްގެ ޙާމިދު ކަރުޒާއިގެ ކޮށްކޯފުޅު އަޙްމަދު އަވަހާރަ ކޮށްލާފައިވަނީ އަފްޣާނިސްތާނަށް ވަޑައިގެން އުޅުއްވާ ފަރަންސޭސި ރައީސް ނިކޮލައި ސަރކޯޒީއާ ބައްދަލުކުރެއްވުމަށް ރައީސް ކަރުޒާއި ތައްޔާރުވެ ވަޑައިގަންނަވަނިކޮށެވެ.
ބާރާއި ނުފޫޒު ބޭނުންކުރައްވައިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރައްވާ ކަމުގެ ތުހުމަތު އަޙްމަދު ކަރުޒާއިގެ މައްޗަށް އަފްޣާނިސްތާނުގެ ޢާންމުން ކުރަމުން ގެންދާ ކަމަށް ޚަބަރުލިބެއެވެ. -- ރޮއިޓާސް ޖަވާދު