12 Jul 2011, 16:34
ބ. ތުޅާދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމާ ގުޅިގެން، ކޮމިޝަނުން ކަންކަން ކުރަނީ ގާނޫނާ ހިލާފަށް މީހުންގެ ހައްގުތަކަށް އަރައިގަންނަ ގޮތަށް ކަމަށް ވިދާޅުވެ، ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ދައްކާވާފައިވާ ވާހަކަތައް އިލެކްޝަންސް ކޮމިޝަނުން ކުށްވެރިކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކޮމިޝަނާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭފަދަ ގޮތަކަށް ރޮޒެއިނާ ވާހަކަ ދައްކާފައިވާ ކަމަށާއި އަދި ކަމުގެ ހަގީގަތް އާންމު ރައްޔިތުންނަށް އޮޅޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
އަދި އެކަން ބަޔާންކޮށް އިލެކްޝަނުން ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރޭ ބ. ތުޅާދޫ ކައުންސިލް މެމްބަރު އުމައިރާ އަބޫބަކުރު ކައުންސިލަރު ކަމުން ވަކިކުރީ އިލެކްޝަންސް ކޮމިޝަނުންކަން ދޭހަވާ ގޮތަށް ވިދާޅުވުމާއި، ތުޅާދޫގައި ބައި އިލެކްޝަނެއް ބާއްވަން އިލެކްޝަނުން ނިންމި ނިންމުމަކީ ހަމައެކަނި ކޮމިޝަންގެ ދެ މެމްބަރުން ތާއީދު ކުރައްވައިގެން ނިންމި ނިންމުމެއް ކަމަށް ވިދާޅުވުމާއި، އަދި ބ. އަތޮޅު ކައުންސިލުން މި މައްސަލަ ހިނގާފައިވާ ގޮތް ބަލަމުންދާ ކަމަށް އަންގާފައި ވަނިކޮށް އިލެކްޝަނުން އަވަސް އަރައިގަނެގެން ބައި އިލެކްޝަނެއް ބާއްވަން ނުޖެހޭ ކަމަށް ވިދާޅުވި ވިދާޅުވުމެވެ.
އިލެކްޝަނުން ބުނީ އުމެއިރާ ތުޅާދޫ ކައުންސިލްގެ މެމްބަރު ކަމުން ވަކި ކޮށްފައިވަނީ އިލެކްޝަން ކޮމިޝަނުން ނޫން ކަމަށާއި އުމެއިރާ ކައުންސިލް މެމްބަރު ކަމުން ވަކި ވެފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން މަގުބޫލު އުޒުރެއްނެތި ވިދިވިދިގެން ހަތް ޖަލްސާ އަށް ހާޒިރުވެފައިނުވާތީ ކަމަށެވެ. އަދި ތުޅާދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑި އަށް މެމްބަރަކު އިންތިހާބު ކުރުމަށް ބައި އިލެކްޝަނެއް ބޭއްވުމަށް ނިންމާފައި ވަނީ ތުޅާދޫ ކައުންސިލުން އެ ކައުންސިލްގެ ގޮނޑިއެއް ހުސްވެފައިވާތީ ބައި އިލެކްޝަނެއް ބޭއްވުމަށް އެދުމުން، ކޮމިޝަނުގެ ޚާއްސަ ޖަލްސާ އެއް އިލެކްޝަނުން ބާއްވައި އެވަގުތު މާލޭގައި ތިއްބެވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ.
އިލެކްޝަނުން ބުނީ އަވަސް އަރައިގަނެގެން ބައި އިލެކްޝަނެއް ބާއްވަން ނުޖެހޭ ކަމަށް ރޮޒެއިނާ އާދަމް ވިދާޅުވެފައި ވާއިރު، ލޯކަލް ކައުންސިލެއްގެ މެމްބަރަކު، މެމްބަރު ކަމުން ވަކިވުމުގެ ސަބަބުން އެ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރަންޖެހޭ ހާލަތުގައި ހުސްވި ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ލޯކަލް ކައުންސިލްގެ ބައި އިލެކްޝަން 45 ދުވަހުގެ ތެރޭ ބާއްވަން ޖެހެ އެވެ. އަދި އިންތިހާބަށް ކުރިމަތިލުމަށް 14 ދުވަސް، އަދި ކެމްޕޭން ކުރުމަށް 28 ދުވަސް ދޭން ޖެހޭއިރު ގުރުއަތު ލުމަށާއި ނަން ތަރުތީބު ކުރުމަށް 1 ދުވަސް ބޭނުންވެ އެވެ.
އިލެކްޝަނުން ބުނީ ލާމަރުކަޒީ ގާނޫނުގެ 31 ވަނަ މާއްދާގައި ބުނާ ކައުންސިލަރަކު ވަކިވުމުން ލަސްވެގެން 45 ދުވަހުގެ ތެރޭ އެ މެމްބަރެއްގެ ބަދަލުގައި ކައުންސިލަށް މެމްބަރަކު އިންތިހާބު ކުރަށް ވާނެ ކަމަށް ބުނެފައިވާތީ، ކައުންސިލަކުން މެމްބަރަކު ވަކިވާ ތާރީހުގައި ބައި އިލެކްޝަނަށް އިއުލާންކޮށްގެން ނޫނީ އިލެކްޝަނަށް ގާނޫނުގައި ބުނާ ގޮތުގެ މަތީން 45 ދުވަހުގެ ތެރޭ ބައި އިލެކްޝަނަށް ބޭއްވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އިލެކްޝަނުން ބުންޏެވެ.
އަދި ރޮޒެއިނާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނިކަމެތި އަންހެނެއްގެ ހައްގަށް އިލެކްޝަނުން އަރައިގެންފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވެފައިވާތީ އިލެކްޝަނުން ބުނީ އެކޮމިޝަނުން އެއްވެސް ކަމެއްގައި މުއާމަލާތު ކުރުމުގައި މުއްސަނދިންނާއި ފަގީރުންނާއި އަންހެނުންނާ ފިރިހެނުން ތަފާތު ނުކުރާ ކަމަށެވެ.
އަދި އެ ކޮމިޝަނަކީ މިނިވަން މުސްތަގިއްލު ކޮމިޝަނެއް ކަމަށާއި ކޮމިޝަނުގެ ގާނޫނީ ވާޖިބުތައް އަދާކުރުމުގައި އެއްވެސް ފަރާތެއްހެ ނުފޫޒަށް ބޯނުލަނބާނެ ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.