23 May 2017, 19:32
މެރިން އިންޑަސްޓްރީއަށް ޚާއްސަކޮށްގެން ރާއްޖޭގައި ބާއްވާ މޯލްޑިވްސް މެރިން އެކްސްޕޯ 2017 ލޯންޗުކޮށްފި އެވެ. މިއީ ހަތަރުވަނަ މެރިން އެކްސްޕޯއެވެ.
ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އަހަރީ މައުރަޒު، މޯލްޑިވްސް މެރިން އެކްސްޕޯ މިއަހަރު ބާއްވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް ބޮޑު ހަރަކާތަކާ އެކު، އެ މައުރަޒު މިއަދު ވަނީ ރަސްމީކޮށް ލޯންޗުކޮށްފަ އެވެ.
މެރިން އެކްސްޕޯ ލޯންޗު ކުރުމަށް ލަގްޒަރީ ސަފާރީ އުޅަނދު "ރިޓްރެލާ"ގައި މިއަދު ހަވީރު ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. އެ ހަފްލާގައި، ލިވްއަބޯޑު އިންޑަސްޓްރީގެ ގިނަ އަދަދެއްގެ ފަރާތްތައް ބައިވެރިވި އިރު، މެރިން އެކްސްޕޯ ލޯންޗުކޮށްދިނީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ.
މެރިން އެކްސްޕޯ ފާހަގަވެގެންދަނީ ރާއްޖޭގައި، އެންމެ ބޮޑު ސަރަހައްދެއްގައި ބާއްވާ އެންމެ ބޮޑު އިވެންޓުގެ ގޮތުގައެވެ. މިދިޔަ އަހަރުގެ މައުރަޒު ހުޅުމާލޭ މެރީނާ ބޭ ސަރަހައްދުގައި ބޭއްވި ނަމަވެސް، މިއަހަރުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައި ވަނީ ދަރުބާރުގޭގައެވެ.
މިދިޔަ އަހަރުގެ މައުރަޒަށް 3،000 އެއްހާ މީހުން ޒިޔާރަތް ކުރި އިރު، މައުރަޒުގެ ފަހު ދުވަހު އާންމުންނަށް ހުޅުވާލުމުން އެ ދުވަހު އެކަނިވެސް 1،000 މީހުން އެ މައުރަޒަށް ޒިޔާރާތް ކުރިއެވެ.
މި މައުރަޒު މިހާތަނަށް އިންތިޒާމުކޮށް، ބާއްވަމުން އަންނަނީ އިވެންޓް މެނޭޖްމެންޓް ކުންފުނި، ބްލަކްއިންނެވެ.