23 May 2017, 18:06
މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހިންގި ތަފާތު ތިން އޮޕަރޭޝަނެއްގައި މަގުމަތީ އަގުގެ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ، އެ ދެ ދުވަހު ތިން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި، އެ އޮޕަރޭޝަން ތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައި ވަނީ، ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ހެޑް މޫސާ އަލީ އާއި، ޑެޕިއުޓީ ހެޑް އައިމިނަތު ސުޒީ އެވެ.
މޫސާ އަލީ ވިދާޅުވީ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނުގައި އެދުވަހުގެ ހެނދުނު އިންޑިއާއިން ރާއްޖެއައި ދިވެހި މީހެއްގެ ހަށިގަނޑުތެރޭގައި ރައްކާކޮށްގެން އެތެރެކުރި 29 ބުލެޓުގެ ހެރޮއިން އަތުލައިގެންފައިވާ ކަަމަށެވެ. އެތަކެތީގެ ބަރުދަން 177 ގްރާމަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ޑެޕިއުޓީ ހެޑް މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ސުޒީ ވިދާޅުވީ، ޕޯސްޓު މެދުވެރިކޮށް އެތެރެ ކޮށްފައިވާ ޕާރުސަލްތަކެއްގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިގެން އެ މައުލޫމާތު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ފުލުހުންނާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އެތަކެތި ފުލުހުން ބަލައި ފާސްކުރުމުން މަނާ ކުރެވިފައިވާ ބޭހުގެ 355 ގުޅަ އާއި، 24 ގްރާމްގެ މަސްތުވާތަކެތި ހިމެނޭ ފިލްމު ހުސްކުރި ދަޅަކާއި، 1.6 ގްރާމްގެ ހެރޮއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލައިގައި އިތުރު ފަރާތްތަކެއް ހިމެނޭ ކަމަށް ގަބޫލު ކުރެވޭތީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގާފައިވާނެ ކަމަށާއި، އެ އޮޕަރޭޝަނުގައި 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ސުޒީ ވިދާޅުވި އެވެ.
ހޮނިހިރު ދުވަހު ހިންގި ދެވަނަ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ރާއްޖެ އައިސްތިބި ޕާކިސްތާނުގެ ދެ މީހަކު މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ މައުލޫމާތު ލިބުމާ ގުޅިގެން ކަމަށް މީޑިއާ އަށް މައުލޫމާތު ދެއްވަމުން މޫސާ އަލީ ވިދާޅުވި އެވެ.
އެގޮތުން އެ ދެ ޕާކިސްތާނު އަންހެނުންނާއި ދެ ދިވެއްސަކު ކެފޭއެއްގެ ތެރެއިން ހައްޔަރުކޮށްފައިވާ ކަމަށް މޫސާ އަލީ ވިދާޅުވި އެވެ. ހައްޔަރުކޮށްފައިވާ ދެ ޕާކިސްތާނު އަންހެނުންގެ ތެރޭގައި ހިމެނެނީ 26 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެކެވެ. އަދި ދިވެހިންނަކީ 19 އަހަރުގެ ފިރިހެނަކާއި 25 އަހަރު ފިރިހެނެކެވެ.
ހައްޔަރު ކުރި ދެ ޕާކިސްތާނު މީހުންގެ ތެރެއިން އެކެއްގެ އަތުން 14000 އެމެރިކާ ޑޮލަރު ފެނިފައިވާ ކަމަށް މޫސާ އަލީ ވިދާޅުވި އެވެ. އަދި އެމީހުން ކުއްޔަށް ތިބޭ ތަން ބަލައި ފާސް ކުރި އިރު 296 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި، އެތަކެތި ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ ހުރިހާ މަސްތުވާ ތަކެއްޗެއްގެ މަގުމަތީ އަގު 2،390،300 ރުފިޔާއަށް އަަރާ ކަމަށެވެ. އަދި އެ އޮޕަރޭޝަން ތަކުގައި ޖުމްލަ ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ޕާކިސްތާނުގެ ދެ އަންހެނުންނާއި ދިވެހި ހަތަރު ފިރިހެނުން ކަމަށެވެ.
އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.