އަލަށް ބޭނުންކުރަން ފަށާ ދެ ރުފިޔާގެ ލުއި ފައިސާ ފޮތިތައް ޖަހައިގެން ރާއްޖެ ގެނެސްފިއެވެ.

އެމްއެމްއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ދެ ރުފިޔާގެ ފައިސާ ފޮތި އަލުން ޖަހައިގެން އިއްޔެ ވަނީ ގެނެސް، ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައެވެ.

މަރުކަޒީ ބޭންކުގެ ތަރުޖަމާނު މަންސޫރު ޒުބައިރު "ސަން"އަށް ވިދާޅުވީ، މިއީ އަލަށް ނެރޭ، ދެ ރުފިޔާގެ ލުއި ފައިސާފޮތިތައް ކަމަށެވެ.

މި ފައިސާފޮތިތަކުގެ ސިފަތަކާއި، އެހެން އެއްވެސް މައުލޫމާތެއް އެމްއެމްއޭއިން މިހާތަނަށް އާންމުކޮށްފައި ނުވާ އިރު، މަންސޫރު ވިދާޅުވީ މި ފައިސާފޮތި އިގްތިސޯދުގައި ދައުރުކުރުމަށް ނެރޭނެ ވަކި ތާރީޚެއް ވެސް ކަނޑައަޅާފައި ނުވާކަމަށެވެ.

އެމްއެމްއޭއިން މީގެ ކުރިން ބުނެފައިވާ ގޮތުން، އެ ފައިސާ ފޮތި މިއަހަރުގެ ތެރޭގައި ނެރޭނެ ކަމަށެވެ.

އެމްއެމްއޭއިން މި މަހުގެ ތެރޭގައި ވަނީ، ފަސް ރުފިޔާގެ އާ ޕޮލިމާ ނޫޓު ލޯންޗުކޮށްފައެވެ. އެ ފައިސާފޮތި އިގްތިސާދުގައި ދައުރުކުރުމަށް ނެރޭނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.