23 May 2017, 16:09
އެއްގަމު އުޅަނދުފަހަރުގައި ކުނި އުކުމާ ގުޅޭ ބެހޭ ގަވާއިދަށް އައި ބަދަލަށް، އެއްގަމު އުޅަނދުތަކުގައި ކުނި އުކަމުން އަންނަ ބިދޭސީންނާއި އާންމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ވެމްކޯ އިން ފަށައިފި އެވެ.
އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބައިސްކަލު ފަދަ އެއްގަމު އުޅަނދުތަކުގައި ކުނި އުފުލުން މަނާކުރާނެ އެވެ. އަދި އަމިއްލައަށް ކުނި އުކަން ބޭނުންނަމަ ޖެހޭނީ އެކަމަށް އެދި ރަޖިސްޓަރީ ކުރާށެވެ.
ވެމްކޯގެ ކަލެކްޝަން ސާވިސް މެނޭޖަރު ހިދާޔާ ނަސީރު ވިދާޅުވީ، މިއަދު ފެށި ހަރަކާތުގެ ދަށުން ކުނި އުކަންދާ ބިދޭސީން ހުއްޓުވައި އެމީހުންނަށް ހޭލުންތެރި ކުރުމަށް ލިޔުމެއް ދޭނެ ކަމަށެވެ. އެ ލިޔުންތައް އެމީހުން ކުނި އުކައިދޭ ގެތަކަށް ދިނުމަށް އެމީހުންނަށް ވެމްކޯ އިން އަންނަނީ އަންގަމުންނެވެ.
އެކަމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހިމް ވިދާޅުވެފައި ވަނީ، އަމިއްލައަށް ކުނި އުކަން ބޭނުންވާ ނަމަ އެކަމަށް ރެޖިސްޓްރީވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް އެކަމަށް ވެމްކޯގައި ރެޖިސްޓްރީވާން ޖެހޭނެ ކަމަށް ތާރިގު ވިދާޅުވި އެވެ.
"އަމިއްލައަށް އުކާލައްވަން ބޭނުންފުޅުވާ ކަމުގައި ވަނީ ނަމަ އެކަން ފީ އެއް ނެތި އަމިއްލަ ބައިސްކަލުގައި ނުވަތަ ސައިކަލުގައި ގެންގޮސް މިހާރު ވެސް ވޭސްޓް މެނޭޖްމަންޓް އިންނަ އިންޑަސްޓްރިއަލް ވިލެޖުގައި އޮންނަ ވޭސްޓް މެނޭޖްމެންޓް އޭރިއާއަށް އުކާލެވޭނެ. އެކަމަކު އެގޮތަށް އަމިއްލައަށް އުކާލައްވަން ބޭނުންވާ ނަމަ އެބޭފުޅަކު އަމިއްލައަށް ރެޖިސްޓްރީ ކޮށްލެއްވުމަށް ފަހު ވެމްކޯ އިން ދެއްވާ ކާޑެއް ނުވަތަ އެ ޕްރޮސެސްއެއްގެ ތެރެއިން ކަންތައްތައް ކުރުމުގެ ފުރުސަތު އޮންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން މަހުދީ އިމާދު ވިދާޅުވީ، ޖުލައި އެއް ވަނަ ދުވަހުން ފެށިގެން ގަވާއިދާ ޚިލާފަށް ކުނި އުކާ ފަރާތްތައް ހިފަހައްޓައި ފިޔަވަޅު އަޅާނެ ކަމަށާއި އެކަން ކުރާނީ ޓްރެފިކް ޕޮލިހުން ކަމަށެވެ.
"އެކެއް ޖުލައި އިން ފެށިގެން އަޅުގަނޑުމެން ގަވާއިދު ހިފަހައްޓާނަން. އެ ތަންފީޒު ކުރައްވާނީ ޓްރެފިކް ޕޮލިހުން. އެކެއް ޖުލައިން ފެށިގެން އެ ގޮތަށް ސައިކަލުގަ އާއި އަދި އެހެން އެއްޗެހީގައި ކުނި ގެންދާ ކަމަށްވަންޏާ ޓްރެފިކް ފޮލިހުން ހުއްޓުވާނެ،" މަދުހީ ވިދާޅުވި އެވެ.