12 Jul 2011, 16:28
ވޯލްޑް ކަޕް ކޮލިފައިންގައި އީރާނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެ ގައުމުގައި ގައުމީ ޓީމު ކޭމްޕްކުރުމަށްޓަކައި އަންނަ އާދީއްތަ ދުވަހުގ ެރޭ އީރާނަށް ފުރާނެ ކަމަށް ގައުމީ ޓީމުގެ މެނޭޖަރު އަލީ ވަހީދު (ބަލަކް) ބުނެފި އެވެ.
އެފްއޭއެމް ހައުސްގައި މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބަލަކް ވިދާޅުވީ، އިރާނަށް ފުރުމުގެ ކުރިން ވެސް މާލޭގައި ޤައުމީ ޓީމް ކޭޕްކުރާނެ ކަމަށެވެ. އެގޮތުގެ މަތިން މެޗަށް ތައްޔާރު ވުމަށް މިހާރުވެސް ޓީމްގެ ފަރިތަ ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. މެޗްގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ޤައުމީ ޓީމް އިރާނަށްގޮސް ކޭޕްކުރި ނަމަވެސް، މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ތެހެރާންގައެވެ.
އިރާނާ ދެކޮޅަށް ކުޅޭމެޗަށް ތައްޔާރު ވުމުގެ ގޮތުން ދާދިފަހުން ޤައުމީ ޓީމް ވަނީ އިންޑިއާގެ ޤައުމީ ޓީމާއެކު ވެސް ރަހުމަތްތެރި ކަމުގެ މެޗެއް މާލޭގައި ކުޅެފައެވެ. އެގޮތުން އެމެޗް ނިމުނީ ދެ ޓީމް ވެސް 1-1 ލަނޑުން އެއްވަރު ވެގެންނެވެ.
އީރާނާ ދެކޮޅަށް ތެހެރާނުގައި މިމަހުގެ 23 ވަނަ ދުވަހު މެޗު ކުޅުމަށް ފަހު، ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ވަނަ ދުވަހު މާލޭގައި ކަމަށެވެ.