23 May 2017, 16:04
އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވިފައި ހުރި ކަންތައްތައް ފާހަގަކޮށް އެކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރާއްޖެއާއި އީޔޫއާ ދެމެދު ބާއްވާ ޕޮލިސީ މަޝްވަރާތަކުގެ ތިން ވަނަ ބައްދަލުވުން މިއަދު ފަށައިފި އެވެ.
"ތާޑު މޯލްޑިވްސް އީޔޫ ޕޮލިސީ ޑައިލޮގް"ގެ ނަމުގައި މިއަދު ބަނޑޮސް އައިލެންޑް ރިސޯޓްގައި ގައި ފެށި ބައްދަލުވުމުގައި ރާއްޖޭގެ ބައެއް މިނިސްޓަރުންނާއި ރާއްޖެއިން އެކި ގައުމުތަކަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންގެ އިތުރުން އީޔޫ ގައުމުތަކުގެ ނުވަ ސަފީރަކު ބައިވެރިވެވަޑައިގަންނަވަ އެވެ.
ބައްދަލުވުމާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވީ، އީޔޫގެ ސަފީރުންނާ އެކު ބާއްވާ އެ ބައްދަލުވުމުގައި އެ އަހަރަކާ ހަމައަށް ފާހަގަކުރެވިފައި ހުރި ކަންތައްތައް ފާހަގަކޮށް، އެކަންތައްތަކާ އެކުގައި މަޝްވަރާކުރުމަށް ފަހު އަމަލީ ގޮތުން ކުރާނެ ކަންތައްތަކެއް ނިމިގެންދާނެ ކަމަށެވެ.
އެގޮތުން މިއަހަރުގެ ބައްދަލުވުމުގައި ވެސް އިޖްތިމާއީ، ގަވަނަންސް އަދި މަސްވެރިކަން ފަދަ ދާއިރާތަކާ ގުޅޭ ގޮތުން އީޔޫއާއި ރާއްޖެއާ ދެމެދު ވާހަކަދެކެވި މަޝްވަރާ ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ ތެރެއިން ވެސް ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ކަރުދާހެއް ހުށަހަޅާ، ރާއްޖޭން ކުރަމުން ގެންދާ ކަންތައްތަކާއި އީޔޫގެ ގައުމުތަކުން ޓެރަރިޒަމާ ދެކޮޅަށް ކުރާ ކަންތައްތަކުގެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް ވިދާޅުވި އެވެ.
މިއަދު ފެށި ބައްދަލުވުމުގައި ބައިވެރިވާ ބައެއް މިނިސްޓަރުންގެ ތެރޭގައި އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް އާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލްގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ހިމެނިވަޑައިގަންނަވަ އެވެ.