ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވި ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ބަޔާން، އެ ސަމިޓުގެ ރަސްމީ ލިޔުމެއްގެ ގޮތުގައި ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމުކޮށް، ގުޅިގެން މަސައްކަތް ކުރުން ކުރިއަށް ނެރެ، އަމާންކަމާއެކީ ހުރިހާ ފަރާތްތަކުން ވެސް އުޅުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަކީ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ގައުމެއްގެ ވެރިންގެ ވެސް ޒިންމާއެއްކަން ފާހަގަ ކުރެއްވި ކަމަށެވެ. އަދި، ރާއްޖެ އިން ޓެރަރިޒަމްގެ ހުރިހާ އަމަލުތަކެއް ވެސް ކުށްވެރިކުރާ ކަމަށާއި ޒުވާނުން ހައްދުފަހަނަޅައި ދިއުމަށް މަގުފަހިވާ އިޖްތިމާޢީ އެކިއެކި މައްސަލަތައް ހައްލުކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަ ދެއްކެވި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ހައްދުފަހަނަޅާފައިވާ ފަރާތްތަކާ ދެކޮޅަށް އަނިޔާވެރިކަން އިސްކުރުމުގެ ބަދަލުގައި އެފަދަ މައްސަލަތަކާ ދެކޮޅަށް ވަރުގަދައަށް ވަކާލާތުކުރުން މުހިންމު ކަމުގައި ވިދާޅުވެފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި، ޢަރަބި-މުސްލިމް ގައުމުތަކުން މިއަދު ތިބީ، މި ބަހުސްގެ މެދުގައިކަން ހިތާމައާ އެކު ފާހަގަ ކުރެއްވި އެވެ. އަދި، އިސްލާމްދީނުގެ ނަމުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަނީ، އިސްލާމްދީނުގެ ތަސައްވުރާއި، އަމަނާއި، އިޙްތިރާމާއި ހަމަޖެހުމާއި ތަފާތުތަކަށް ޖާގަ ދިނުމާއި އިންސާފާއި އެއްބައިވަންތަކަށް ބާރު އަޅާ މި ދީނުގެ ރީތި ނަން ކިލަނބުކުރަން ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.

ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި މިއަދު ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެކި ގައުމުތަކުން ގުޅިގެން ރާވައި ހިންގާ ކުށްތަކުގެ ސަބަބުން އެފަދަ ކުށްތަކުގެ އަޑިގައި ތިބޭ ފަރާތްތައް ހޯދުން ދަތިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވެ އެވެ. އެހެންކަމުން، އެކި ގައުމުތަކުން ގުޅިގެން މިފަދަ ޖަރީމާތަކާ ބެހޭ މަޢުލޫމާތު މިހާރަށްވުރެ އިތުރަށް ހިއްސާ ކުރަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ. ހަމަ އެއާ އެކު، ޓެރަރިޒަމާ ދެކޮޅަށް އދ. އިން އަޅާ ގާނޫނީ އަދި ދިފާއީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އެންމެންގެ އެއްބައިވަންތަކަން ކުރިއަށް ނެރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވެ އެވެ.