ލީގު މެނޭޖާސް އެސޯސިއޭޝަން (އެލްއެމްއޭ) އިން ހޮވާ، އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ މޮޅު ކޯޗަކަށް، ލީގު ޗެމްޕިއަން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހޮވައިފިއެވެ.

ކޮންޓޭ ވަނީ، ޕްރިމިއަރ ލީގުގައި އޭނާ ހޭދަކުރި ފުރަތަމަ އަހަރުގައި ލީގު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން، އަންނަ ހޮނިހިރު ދުވަހު އެފްއޭ ކަޕް ފައިނަލްގައި އާސެނަލް އަތުން މޮޅުވެވިއްޖެ ނަމަ، "ޑަބަލް"އަކާއެކު ސީޒަން ނިންމާލުމުގެ ފުރުސަތުވެސް ކޮންޓޭއަށް އެބައޮތެވެ.

އާސެނަލް ގެ ކޯޗު އާސެން ވެންގާ، 2003/04 ސީޒަންގައި މި ޓްރޮފީ ހޯދިފަހުން އެލްއޭއެމް އިން ހޮވާ، އަހަރުގެ އެންމެ މޮޅު މެނޭޖަރު އިނާމު ހާސިލްކުރި، އިނގިރޭސި ވިލާތުން ބޭރުގެ ފުރަތަމަ ކޯޗަކީ، މިދިޔަ ސީޒަންގެ ޕްރިމިއަރ ލީގު ލެސްޓާ ސްޓީއަށް ކާމިޔާބުކޮށްދިން އިޓަލީގެ ކްލައުޑިއޯ ރެނެއިރީއެވެ.

"އަހަރެން އިންގްލޭންޑްގައި ހޭދަކުރާ ފުރަތަމަ ސީޒަންވެސް މިދަނީ، ބުނެދޭންވެސް ނޭނގޭފަދަ ފޮނި އިހްސާސްތަކަކާއެކު،" އެވޯޑް ހަފްލާގައި ކޮންޓޭ ބުންޏެވެ.

"އަހަރެން ބޭނުން ވޯޓު ދިން އެންމެނަށް ޝުކުރު އަދާކުރަން. އުފަލާއެކު އަހަރެން މި އެވޯޑް ގަބޫލުކުރަން."

ކޮންޓޭބުނީ، މީގެ ކުރީން އެލްއެމްއޭ އެވޯޑު ހާސިލްކޮށްފައިވާ ފަރާތްތަކަށް ބަލާއިރު، މިފަދަ އެވޯޑެއް ލިބުމުން ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށާއި، އަދި ކުރިއަށް އޮތްތާނގައި އެވޯޑުގެ އަގު ވަޒަންކޮށް އޭނާގެ މަސައްކަތް ކުރިއަށް ގެންދާނޭކަމަށެވެ.

ޗެލްސީން މިފަހަރުގެ އިނގިރޭސި ލީގު ކާމިޔާބުކޮށްފައި ވަނީ، އެޓީމު ކުޅުނު 38 މެޗުގެ ތެރޭން 30 މެޗުން މޮޅުވެ، ޕްރިމިއަރ ލީގު ރެކޯޑެއް ގާއިމުކޮށްގެންނެވެ.