12 Jul 2011, 15:58
ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާން މިއަދު އިސްތިއުފާދެއްވައިފި އެވެ.
ރިޝްވާން މިއަދު ވިދާޅުވީ، އޭނާ ރިޓައާ ކުރެއްވީ ކަމަށާއި ރައީސް އޮފީހުން މިހާރު އެކަން ހަމަޖައްސައިދީފައިވާ ކަމަށެވެ.
އަދި ރިޓައާކުރެއްވުމަށް ނިންމެވީ "އަމިއްލަ މަސައްކަތެއް ފައްޓަވަން" ބޭނުންވެވަޑައިގަންނަވާތީ ކަމަށާއި "އެނޫން އެހެން ވަކި ސަބަބެއް ނެތް" ކަމަށް ވެސް ރިޝްވާން ވިދާޅުވި އެވެ.
މީގެ ދުވަސްތަކެއް ކުރިން ރިޝްވާން އިސްތިއުފާދެއްވި ކަމުގެ ހަބަރު ފެތުރިފައިވެ އެވެ. ނަމަވެސް، އޭރު އޭނާ އެކަން ވަނީ ދޮގުކުރައްވައިފަ އެވެ.
އަދި ތުލުސްދޫއަށް ވެރިކަން ބަދަލުކުރި މައްސަލައިގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި، ހޯމް މިނިސްޓަރުގެ އަމުރަކަށް ކިޔަމަން ނުވުމުގެ ސަބަބުން ރިޝްވާން ގެއަށް ފޮނުއްވާފައިވެ އެވެ.
އިތުބާރު ހުރި ފަރާތަކުން އޭރު މައުލޫމާތު ދިން ގޮތުގައި، ހޯމް މިނިސްޓަރު ހަސަން އަފީފު އެންގެވީ ތުލުސްދޫގައި ހުރި ކ. އަތޮޅު އޮފީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށެވެ. ނަމަވެސް ރިޝްވާން ވިދާޅުވި ކަމަށް ވަނީ، "ކޯޓުން އަންގާތާ ފަސް މިނިޓް ތެރޭގައި ފުލުހުންގެ ބާރުގެ ދަށަށް ގެނެވިދާނެ" ކަމަށާއި ކޯޓުގެ އަމުރާ ހިލާފަށް އެކަން ކުރެވެން ނެތް ކަމަށެވެ. ނަމަވެސް، ހަފްތާއެއްގެ ތެރޭ އޭނާ ވަނީ އަލުން ވަޒީފާ އަށް ނުކުންނަވައިފަ އެވެ.
ރައީސް އޮފީހުން ބުނީ ރިޝްވާންގެ އިސްތިއުފާ ޤަބޫލްކުރައްވާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އޭނާއަށް ފޮނުއްވި ސިޓީގައި ޑެޕިއުޓީ ކޮމިޝަނާގެ މަގާމުގައި ހުންނަވައިގެން ރިޝްވާން ކޮށްދެއްވާފައިވާ ގިނަގުނަ ހިދްމަތްތަކަށްޓަކައި އޭނާއަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ.