23 May 2017, 09:47
ކާމިޔާބު އެކްޓަރު ސަނީ ޑިއޯލްގެ ދަރިފުޅު، ކަރަން ޑިއޯލް ބޮލީވުޑަށް ތައާރަފުވާ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.
ކަރަން ބޮލީވުޑަށް ނުކުންނާނީ ސަނީ ޑައިރެކްޓު ކުރާ ފިލްމު 'ޕަލް ޕަލް ދިލް ކޭ ޕާސް' އިންނެވެ. ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ މަނާލީގަ އެވެ.
ކަރަން ޝޫޓިން އާ ގުޅުމުން ސަނީ ވަނީ ވަރަށް އިމޯޝަނަލް މެސެޖަކާ އެކު، ފޮޓޯއެއް ޓުވީޓު ކޮށްފަ އެވެ. އެ ޓުވީޓަށް ޖަވާބުދީ ކަރަން އަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާފައި ވަނީ ބޮލީވުޑްގެ ރަސްގެފާނެ ޝާހްރުކް ޚާން އެވެ.
ޝާހު އާއި ސަނީ ވަނީ ޔަޝް ޗޯޕްރާގެ ފިލްމު 'ޑަރް'ގައި އެކުގައި މަސައްކަތް ކޮށްފަ އެވެ.
'ޕަލް ޕަލް ދިލް ކޭ ޕާސް'ގައި ކަރަންގެ އިތުރުން، ސަނީގެ ކޮއްކޮ ބޮބީ ޑިއޯލް ވެސް ފެނިގެންދާނެ އެވެ.
ސަނީ މިހާރު އަންނަނީ ބޮބީ ލީޑު ރޯލު ކުޅޭ ދެ ފިލްމެއް ޑައިރެކްޓު ކުރަމުންނެވެ. ސަނީ ވަނީ މިދިޔަ އަހަރު 'ގާޔަލް ވަންސް އަގެއިން' ވެސް ޑައިރެކްޓު ކޮށްފަ އެވެ. ނަމަވެސް އެ ފިލްމަށް މާބޮޑު ތަރުހީބެއް ލިބިފައެއް ނުވެ އެވެ.