12 Jul 2011, 15:04
ނޯތު ސެންޓްރަލް ހެލްތް ސާވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑާއި، ސެންޓްރަލް ހެލްތް ސާވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑާއި، ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އެކުލަވާލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަލަށް އެކުލަވާލެއްވި ނޯތު ސެންޓްރަލް ހެލްތް ސާވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ، އދ. މާމިގިލި ނޫހިރި އަހުމަދު އީމާނެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ނާސިންގެ ދާއިރާއިން، ކ. ކާށިދޫ އަލަމާގޭ އާމިނަތު ރިޝްމީއާއި، ޕަބްލިކް ހެލްތް ދާއިރާއިން، ކ. ގުރައިދޫ ބަގީޗާވިލާ ޒަމީރު އިބްރާހީމާއި، އެންޖީއޯގެ ފަރާތުން، ކ. މާފުށި ވައިޓްފިޝް އަލީ މުރުތަސާއާއި، ފައިނޭންސް ދާއިރާއިން، އއ. ތޮއްޑޫ ހަޒާރުމާގޭ އާދަމް މަޖީދާއި، މާކެޓިން ދާއިރާއިން، އދ. މަހިބަދޫ ޖަންބުމާގޭ އަބްދުﷲ ޖަވީޒެވެ.
ރައީސުލްޖުމްހޫރިއްޔާ އަލަށް އެކުލަވާލެއްވި ސެންޓްރަލް ހެލްތް ސާވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައިވަނީ، ދ. މީދޫ ވިލާޑިސޯސަން އަބްދުއްލަތީފް މުހައްމަދެވެ. ބޯޑުގެ މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ، މައްޗަންގޮޅި ހަތާ އަހުމަދު ހަލީލެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ދ. ކުޑަހުވަދޫ ޕެލްމޭރާ ޠާހިރު އަބްދުއްރާފިއުއާއި، މ. ނާލާފުށި މަންޒިލް އާދަމް މުހައްމަދު މަނިކެވެ.
ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވާލެއްވި ސެންޓްރަލް ޔުޓިލިޓީޒް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ، މ. މުލަކު ގޮމަށިމާގޭ އިބްރާހީމް ނަސީރެވެ. ބޯޑުގެ މެނެޖިންގ ޑިރެކްޓަރަކަށް ހަމަޖައްސަވާފައިވަނީ، ދ. ކުޑަހުވަދޫ މުގުރިގޭ އިސްމާއީލް ރަޝީދެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ދ. ހުޅުދެލި އުނިމާގޭ އިބްރާހީމް ރައޫފާއި، މ. ދިއްގަރު ދިޔާސާ މުހައްމަދު ޖުނައިދާއި، ފ. މަގޫދޫ ބީޗްސައިޑް އިބްރާހީމް ނަސީމާއި، ފ. ފީއަލި ބްލޫލައިޓް އިބްރާހީމް ނަސީމާއި، މ. ވޭވަށް ރޯޝަނީގޭ ފަރުހަތު ޖަލީލެވެ.